ޚަބަރު

ބޮޑެތި ދައުވާތައް ކުރާއިރު ދެކޮޅު ނުޖެހި ސާބިތުނުވުމުން ކުށްވެރިވަނީ ފަނޑިޔާރު: ޑރ. ޖަމީލު

މަރިޔަމް ޝަހުދާ

ބޮޑެތި ދައުވާތައް ކުރާ އިރު އެ ދައުވާތައް ސާބިތު ނުވަނީ ކުރާ ދައުވާ ދެކޮޅު ނުޖެހުމުގެ ސަބަބުން ކަމަށާއި، ދައުވާ ސާބިތު ނުވުމުން ކުށްވެރިވަނީ މައްސަލަ ބެލި ފަނޑިޔާރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު މިހެން ވިދާޅުވީ ދީބާޖާ މައްސަލަ ރިވިއުކޮށްގެން ކާމިޔާބީއެއް ލިބެން ނެތް ކަމަށް ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތު ވިދާޅުވުމުން އަދި މަރުތައް ބަލާ ކޮމިޝަނުން ނެރެފައިވާ ދެ ރިޕޯޓާއި މެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ނޫހަކުން ލިޔެފައިވާ ރިޕޯޓުގެ ސްކްރީން ޝޮޓެއް ހިއްސާކޮށް ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ދައުލަތުގެ ތެރެއިން ފެންނަނީ މީހަކު އެކަމާ އަންތަރީސްވާ ވަރުގެ ދެކޮޅު ނުޖެހޭ ކަންކަން ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.

އެގޮތުން ބޮޑެތި ކޮމިޝަންތައް ހަދައިގެން ރިޕޯޓުތައް ނެރުން ކަމަށް ވިޔަސް އެކަމުން ވާ ކަމެއް ނެތް ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. އަދި މައްސަލަތަކުގެ ބަދަލު ދެނީ ރިވިއުކުރަން އެދެން ބޭނުން ނުވާތީ ކަމަށާއި، ބަދަލުދެނީ އެއް ފަރާތުގެ މަސްލަހަތައް ބަލައިގެން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދައުވާ ކުރާއިރު ދައުވާ ދެކޮޅު ނުޖެހި މައްސަލަ ސާބިތު ނުވުމުން ފަނޑިޔާތު ކުށްވެރިކުރާކަމުން ފެންނަނީ ލީޑަޝިޕް ދެއްކޭ މިންވަރު ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.

ޑރ.ޖަމީލު ވިދާޅުވީ މިކަންކަމަކީ އިހުލާސްތެރިކަމެއް ނެތި، ބަދަލު ހިފުން އިސްކުރުމުގެ ނަތީޖާ ކަމަށެވެ. އަދި ދައުލަތަށް އަހަރެއް ވީ އިރު މުޅި ނިޒާމް ފެއިލު ވެއްޖެ ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.