ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށްލައިފި ނަމަ، އިދިކޮޅު ކޯލިޝަނަށް ސަވާރުވާން "މިނިކާ ބާޒުތަކަށް" ފުރުސަތު ނުދިނުމަށް އެމަނިކުފާނު ވަސިއްޔަތް ކުރައްވައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ޕީޕީއެމް އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އެއްވުމުގައި ރައީސް ޔާމީން އެ ވަސިއްޔަތް ކުރައްވާފައިވާ އިރު، ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ހުކުމް މާދަމާ އިއްވުމަށް ކުރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނާއެކީ ތިބީ ކޮން ބައެއްކަން ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށާއި އެމަނިކުފާނު ދުވަސްކޮޅަކަށް ވަކިވެލަން ޖެހުނު ކަމުގައިވީ ނަމަވެސް، ޕާޓީގެ އިސް ބޭފުޅުން ކުރައްވާ ކަންކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
"މިކަހަލަ ބައްދަލުވުންތަކަށް އެބޭފުޅުންނަށް ތާއީދުކުރައްވަން، އެބޭފުޅުންނަށް ހިތްވަރުދެއްވަން ގިނަގިނައިން ވަޑައިގަންނަވާށޭ. އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑުމެންގެ ޕާޓީގެ މައްޗަކަށް މިނިކާ ބާޒުތަކެއް ސަވާރުވުމަށް ފުރުސަތު ނުދެއްވައްޗޭ. އެއީ އެއްގޮތަކަށް ވެސް ޖާގަ ދީގެން ވާނެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އަދުލުގެ ނިޒާމަށް މިހާރު މި ގެންނަ އިސްލާހުތަކާއެކީ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި، ހުރިހާ ފަނޑިޔާރުން ބޭރުކޮށް، ފަނޑިޔާރުން ސަސްޕެންޑްކުރުމަކުން ކާމިޔާބެއް ނުވާނެ ކަމަށާއި މާދަމާގެ ޝަރީއަތުގައި އަދުލުވެރި، އިންސާފުވެރި ޝަރީއަތެއް ހިންގައިފި ކަމަށްވަންޏާ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.
"މާދަމާގެ ޝަރީއަތުގައި އަޅުގަނޑަށް ޔަގީން އަދުލުވެރި، އިންސާފުވެރި ޝަރީއަތެއް ހިނގައިފި ކަމަށްވަންޏާ އިތުރަށް ދައްކާކަށް ވާހަކައެއް ނެތް، އިތުރަށް ދައްކާކަށް ލިޔެކިޔުންތަކެއް ނެތް، އިތުރަށް ގެންނަން ޖެހޭ ހެއްކެއް ނެތް. ރައީސް ޔާމީންގެ މައުސޫމުކަން މިހާރު މިއޮތް ބެންޗަށް ވެސް އެނގިގެންދާނީ. އެކަމަކު އަޅުގަނޑުމެންގެ ޕާޓީން އަދި އަޅުގަނޑުމެންގެ ގާނޫނީ ވަކީލުން އަދި ހުދު އަޅުގަނޑުވެސް މި ބެންޗާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. އެއީ މީގައި މައްސަލަތަކެއް ހުރީމަ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފަހަރުގައި ވެސް ދެރަގޮތެއް ވެއްޖެ ނަމަ، މި މަސައްކަތް މިއަށްވުރެ ވަރުގަދައަށް ކުރިއަށްގެންގޮސްދިނުމަށް އެދޭ ކަމަށާއި ޖަލަށް ލާ ނަމަ، ޖަލަށް އެ ލަނީ މި ސަރުކާރާ އިދިކޮޅަށް އިހުތިޖާޖުކޮށް މިކުރާ ވަރުގަދަ މަސައްކަތް ކަމަށެވެ.