ރައީސް ޔާމީން

ދޫވެހީގައި ސަލާމަތާއި ރައްކާތެރިކަމަށް ކުރެވުނުހާ ވެސް ކަމަކީ ފެންސް ޖެހުން: މުއާޒް

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަމިއްލަ ގެކޮޅު، ގ. ދޫވެހީގައި ސަލާމަތާއި ރައްކާތެރިކަމަށް ކުރެވުނުހާ ވެސް ކަމަކީ ދެ ފަރާތުގެ ފާރުގެ މައްޗަށް ފެންސް ޖެހުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

މުއާޒް އެހެން ވިދާޅުވެފައިވަނީ ދޫވެހީގައި ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރަން އެތަން މަރާމާތުކުރުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރި ކަމަށް "މިހާރު" ނޫހުގެ ހަބަރެއްގައި ބުނެފައިވުމުން އެކަން ދޮގުކުރެއްވުމަށެވެ.

"މިއީ ކަނޑައެޅިގެން ދޮގެއް. ގ. ދޫވެހީގައި ސަލާމަތާއި ރައްކާތެރިކަމަށް ކުރެވުނުހާ ވެސް ކަމެއް ވިއްޔާ އެހެރީ ފެންނަން. ދެ ފަރާތުގައި ފާރުގެ މައްޗަށް ޖެހި ފެންސެއް ފިޔަވާ އިތުރު ކަމެއް ނުކުރައްވާ،" މުއާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ 20،000 ރުފިޔާގެ ކުއްޔަކަށް ކުއްޔަށް ދެވޭނެ އެޕާޓްމަންޓެއް ހަމަޖައްސައިދިން ނަމަވެސް އެ ހަރަދަށް ދައުލަތުން އެންމެ ލާރިއެއް ވެސް ލިބިފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީން އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވީ މަހު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ރަސްމީ ގެކޮޅަށް މިއަހަރު 37.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ބުނެފައިވެއެވެ. އަދި ރައީސް ޔާމީން ދިރިއުޅުއްވާ ރަސްމީ ގެކޮޅަށް މިދިޔަ އަހަރު 35.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީން 2013ގެ ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް، ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު ފުރަތަމަ ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅު ގ. ދޫވެހީގައެވެ. ނައިބު ރައީސް ކަމުން ޑރ. މުހައްމަދު ޖަމީލް އަހްމަދު ދުރުކުރެއްވިތާ ދުވަސްކޮޅެއް ފަހުން ރައީސް ޔާމީން ވަނީ ހިލާލީގެއަށް ބަދަލުވެވަޑައިގެންފައެވެ. އޭގެ ކުރިން ހިލޭލީގޭގައި ދިރިއުޅުއްވަމުން ގެންދެވީ ޖަމީލެވެ.