ޚަބަރު

ހިތްދަތިވާނެ ފަދަ ހުކުމެއް އަންނާނެ ކަމަށް ގަބޫލެއް ނުކުރަން: ރައީސް ޔާމީން

އާނިފާ ހުސެއިން ސިރާޖް

އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި މާދަމާ ހުކުމް ކުރާއިރު، ހިތްދަތިވާނެ ފަދަ ހުކުމެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިރޭ ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާދަމާ އެމަނިކުފާނާ ދެކޮޅަށް ހުކުމެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެންކަމުން މާދަމާ ވެސް ކޯޓު ރޫމުން ނިކުތުމަށްފަހު ރައްޔިތުންނާ ބައްދަލު ކުރާނެ ކަމަށެވެ.

"އަޅުގަނޑު މިނިވަން ކުރާ ވާހަކަ ދައްކާކަން އަދި ނުވޭ. އަދި މިހުރީ މިނިވަނެއްގެ ގޮތުގައި. އެއްވެސް ގޮތަކަށް ހިތްދަތިވާފަދަ ހުކުމެއް އައިސްދާނެ ކަމަކަށް ގަބޫލެއް ނުކުރަން," ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 1:30 ގައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށްކުރާ ދައުވާ ވަރަށް ސާދާ ކަމަށާއި ދައުވާ ކުރަނީ ފަލީހަތް ކުރުމަށް ކަމަށެވެ. އަދި އެމަނިކުފާނުގެ މައްސަލައިގައި އިންސާފުވެރި ޝަރީއަތެއް ކޮށްފިނަމަ މައުސޫމުކަން ސާބިތުވެގެންދާނެ ކަމަށާއި ނަމަވެސް މާދަމާގެ ޝަރީއަތަށްފަހު ދުވަސްކޮޅަކަށް ސަޕޯޓަރުންނާ ވަކިވެލަން ޖެހުނަސް ޕާޓީގެ އިސް ބޭފުޅުންގެ ފަހަތުގައި ތިބުމަށް ސަޕޯޓަރުންނަށް ވަސިއްޔަތް ކުރެއްވިއެވެ.

"ވަސިއްޔަތަކީ، ދުވަސްކޮޅަކު ދުރުގައި ހުންނަން ޖެހުނަސް މިކުރަމުންދާ މަސައްކަތް މިއަށްވުރެ ގަދަޔަށް، އާރުލާ ޖޯޝުގައި ކުރިއަށް ގެންދިއުން," ސަޕޯޓަރުންނަށް ހިތްވަރު ދެއްވާ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޝަރީއަށް ކުރިއަށް ގެންދަނީ ފަނޑިޔާރުންގެ ކަރަށް ދަންމަޅިއެއް މަހާލައިގެން ކަމަށާއި މާދަމާގެ ޝަރީއަތަށްފަހު މިހާރު އޮތް ބެންޗަށް ވެސް އެމަނިކުފާނުގެ މައުސޫމުކަން ސާބިތުވެގެންދާނެ ކަމަށެވެ. ނަމަވެސް އެ މައުސޫމުކަން ސާބިތުކޮށްދޭން ބޭނުންވަނީ ކޯޓަކަށް ނޫން ކަމަށާއި އެ މައުސޫމުކަން ސާބިތުކޮށްދޭން ބޭނުންވަނީ އަމިއްލަ އާއިލާ އަށާއި ސިޔާސީ އާއިލާއަށް ކަމަށް ވިދާޅުވިއެވެ.