ކޯޓުން ބޭރުގައި ކުޑަކުދިންނާ ކައިވެނިކުރާ މައްސަލަތަކުގެ މައުލޫމާތު ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޯޓުން ބޭރުގައި ކުޑަކުދިންނާ ކައިވެނިކުރުމާއި، މިފަދަ އަމަލުތައް އިތުރުވަމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރަމުން އަންނަ ކަމަށެވެ.
އެފަދަ މައްސަލަތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ފަރާތްތަކުން އެކަމާ ގުޅޭ މައުލޫމާތު އަންނަ މަހުގެ އަށްވަނަ ދުވަހުގެ 14:00ގެ ކުރިން، އެ މައްސަލައެއް ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓިސް ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް އެދޭ ކަމަށެވެ.
އެފަދަ މައްސަލަތަކުގެ މައުލޫމާތު ހިއްސާކުރުމަށް މަޖިލީހުން އެދިފައިވާ އިރު، 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހަދައި ބަލިވެ އިން މައްސަލަ ބެލުމަށް ހާއްސަ ޓާސްކް ފޯހެއް ރައީސް ސޯލިހު ވަނީ އުފައްދަވައިފައެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ ޓާސްކް ފޯސް ރައީސް އެކުލަވާލެއްވީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި އުމުރުން 13 އަހަރުގައި ވިހެއި ކުއްޖާގެ ރައްކާތެރިކަމަށް ކަމާބެހޭ އިދާރާތަކުން އެޅި ފިޔަވަޅުތައް ބެލުމަށާއި އެ ކުއްޖާއަށް ރައްކާތެރިކަން ހޯދައިދޭން ކުރެވިފައިވާ ކަންކަމަކީ އެކަށީގެންވާ ކަންކަންތޯ ބަލައި، އިތުރަށް ކުރެވެން ހުރި މަސައްކަތްތައް ވެސް ކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ރައީސް ހަވާލުކުރެއްވި ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.