ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ފިންލެންޑަށް ވަޑައިގެންފިއެވެ.
މިނިސްޓަރު ޝާހިދު ފިންލޭންޑަށް ވަޑައިގެންނެވުމުން އެގައުމުން މަރުހަބާ ދެންނެވީ ފިންލެންޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ފިންލެންޑުގެ ފޮރިން މިނިސްޓަރު، ޕެއްކާ ހާވިސްޓޯ އާއި އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ލި އެންޑާސަންއާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން ފިންލެންޑުގެ ބިޒްނަސް ކޮމިއުނިޓީއާ ބައްދަލުކުރައްވައި، ރާއްޖެ އާއި ފިންލެންޑާ އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުންވެސް މިނިސްޓަރު ޝާހިދު މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ދަތުރުފުޅުގައި ފިންލެންޑާއި ރާއްޖެއާ ދެމެދު އެއާ ސާވިސް އެގްރީމެންޓެއްގައި މިނިސްޓަރު ޝާހިދު ސޮއިކުރައްވާނެ ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ފިންލެންޑާ ދެމެދު އިންޓަނޭޝަނަލް އަދި ކޮމާޝިއަލް ވައިގެ ދަތުރުތައް ފެށިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. ފޮރިން މިނިސްޓްރީން ބުނީ މީގެ ސަބަބުން ދިވެހިންނާއި ފިންލެންޑުގެ ރައްޔިތުންގެ ގުޅުމުގެ އިތުރުން، ދެގައުމުގެ އިގުތިސާދީ ގުޅުންވެސް ބަދަހިވެގެންދާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ރާއްޖެއިން ފިންލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފާއި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލާދު ހަމީދު އަދި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޝިއުނީން ރަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.