ޚަބަރު

ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް ރައީސްއާ ހިއްސާކޮށްފި

އާނިފާ ހުސެއިން ސިރާޖް

ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ޓެކްސީ ޑްރައިވާސް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާ މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން، އުޅަނދު އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ފުރިފައިވާ އުޅަނދުތަކުގެ ހުއްދަ ބާތިލު ކުރުމާއި ގުޅިގެން ކުރިމަތިވާ ދަތިތައް ރައީސްއާ ހިއްސާކުރިއެވެ. އެގޮތުން އެ ގަވާއިދުގެ ދަށުން ޓެކްސީ ކުރަން ބޭނުންކުރާ އުޅަނދުފަހަރު އާ ކުރުމަށް މާލީ ގޮތުން ހުރި ގޮންޖެހުންތަކުގެ މައުލޫމާތާއި އެ ކަންތައްތައް ހައްލު ކުރެވޭނެ ގޮތްތަކާމެދު ވެސް މަޝްވަރާކުރިއެވެ.

އޭގެ އިތުރުން ޓެކްސީގެ ހިދުމަތްތައް އެންމެ އެކަށީގެންވާ ފެންވަރެއްގައި ފޯރުކޮށްދިނުމަށް ހުރި އެހެނިހެން ދަތިތަކުގެ މައުލޫމާތު ވެސް ޓެކްސީ ޑްރައިވަރުން ވަނީ ރައީސްއާ ހިއްސާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތަކާއި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތައް ޝާމިލުވާ ގޮތަށް، އެއްވެސް ފަރާތަކަށް ދަތިނުވާނެ ގޮތްތައް ބައްލަވައި، ޓެކްސީ ޑްރައިވަރުން ފާހަގަކުރި ކަންތައްތައް ހައްލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަވާނެ ގޮތްތައް ބައްލަވައި، ވީހާވެސް ފުރިހަމައަށް އެ ހިދުމަތް ފޯރުކޮށްދެއްވުމަށް ވެސް ޓެކްސީ ޑްރައިވަރުންގެ ކިބައިން ރައީސް އެދިވަޑައިގަތެވެ.