ކުޑަ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހަދައި ބަނޑުބޮޑުވި މައްސަލަ ބެލުމަށް ހާއްސަ ޓާސްކް ފޯހެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފިއެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެ ޓާސްކް ފޯސް ރައީސް އެކުލަވާލެއްވީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި ރޭ ބޭއްވެވި ބައްދަލުވުމުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި އުމުރުން 13 އަހަރުގައި ވިހެއި ކުއްޖާގެ ރައްކާތެރިކަމަށް ކަމާބެހޭ އިދާރާތަކުން އެޅި ފިޔަވަޅުތައް ބެލުމަށާއި އެ ކުއްޖާއަށް ރައްކާތެރިކަން ހޯދައިދޭން ކުރެވިފައިވާ ކަންކަމަކީ އެކަށިގެންވާ ކަންކަންތޯ ބަލައި ދެން ކުރެވެން ހުރި މަސައްކަތްތައް ވެސް ކުރެއްވުމަށް ކަމާބެހޭ މުއައްސަސާތަކާ ރައީސް ހަވާލުކުރެއްވި ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލަ ބެލުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ފަށާފައިވާއިރު، ފުލުހުންނާއި ޖެންޑާ މިނސިްޓްރީ އަދި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، ކައިވެނީގެ ނަމުގައި ގުޅުން ހިންގައި، ބަލިވެ އިން 13 އަހަރުގެ ކުއްޖާގެ ބައްޕައަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު އއ. ހިމަންދޫގައި 2007 ވަނަ އަހަރު ފުލުހުންނާއި ސިފައިންނާ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހެއްކަން އެނގޭ ކަމަށެވެ.
އަދި އެއީ ޝަރުއީ ނިޒާމުން ބޭރުން ކައިވެނީގެ ނަމުގައި މީހަކު އެކުއްޖާއާ ގުޅުމެއް އުފައްދާ ފުރަތަމަ ފަހަރު ނޫންކަން ވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭކަން ފާހަގަކުރައްވާ ޖީހާން ވިދާޅުވީ، ކައިވެނީގެ ނަމުގައި އެކުއްޖާއާ ގުޅުން ހިންގާފައިވަނީ އެކުއްޖާގެ މައިންބަފައިންގެ ރުހުމުގައި ކަމަށާއި އެ ކުއްޖާގެ އާއިލާއަކީ ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފަތުރާ ބައެއްކަން އެމީހުން ދިރިއުޅޭ ރަށުން ސާފުކޮށް އެނގޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އައިއެސްގެ ލޯގޯ ޖަހައިގެން ތައްޔާރުކޮށްފައިވާ ކައިވެނީގެ ސެޓްފިކެޓް ކަމަށް ބުނާ ސެޓްފިކެޓްތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށާއި އެ ލިޔެކިޔުންތަކަކީ މީގެ ކުރިން ސަރުކާރަށް ހުށަހެޅިފައިވާ ލިޔުންތަކެއް ކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި 13 އަހަރު ކުއްޖާއާ ކައިވެނީގެ ނަމުގައި ގުޅުން ހިންގި މީހާއަކީ ޖަލުގެ ތެރެއިން ހަރުކަށި ފިކުރަށް ތަމްރީނު ވެގެންދިޔަ މީހެއް ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.