ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓުގައި އެކުލަވާލައިފައިވާ ބެންޗަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ބެންޗެއް ކަމަށް ބުނެ އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބް ރައީސް ޑރ. ޖަމީލު އަހުމަދު ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކުރިމިނަލް ކޯޓުގެ ބެންޗު މިހާރު އެކުލަވާލާފައިވަނީ ކޯޓުތަކުގެ ގާނޫނާ ހިލާފަށް ކަމަށްވާތީ ކަމަށެވެ.
އެގޮތުން މައްސަލައަކަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލަން ޖެހޭނީ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނެފައިވީ ނަމަވެސް ރައީސް ޔާމީންގެ މައްސަލައިގެ ބެންޗު އެކުލަވާލާފައިވަނީ ކުރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އަމިއްލަފުޅަށް ކަމަށް ޖަމީލު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަމިއްލަ ފުޅަށް ބެންޗު އެކުލަވާލުމަށްފަހު އެ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނެވުމަކީ ވެސް ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
ރައީސް ޔާމީންގެ މައްސަލަ ބަލަން މިހާރު އެކުލަވާލައިފައިވާ ބެންޗުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލައިގެ ހުކުމް ކުރުން މާދަމާ މެންދުރު 1:30 އަށް ވަނީ ތާވަލު ކޮށްފައެވެ. އަދި އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވެސް ގާޒީ އަލީ ރަޝީދާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މައްސަލައިން ތަނާޒަލްވުމަށް އެދިވަޑައިގެންފައެވެ.
އެގޮތަށް ރައީސް ޔާމީން އެދިވަޑައިގަތީ ގާޒީ އަލީ ރަޝީދު މީޑިއާއަކަށް މައުލޫމާތު ދެއްވާފައިވާތީ އެއީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވެއެވެ. އަދި ގާޒީ އަލީ ރަޝީދު ގާޒީންގެ ބެންޗުގައި އިންނަވާ ނަމަ ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި ނުވެދާނެ ކަމަށް ދެކޭ ކަމަށް ވެސް އެދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.
ނަމަވެސް ބެންޗުގައި ހިމެނިވަޑައިގަންނަވާ އެހެން ފަނޑިޔާރުންނާ މަޝްވަރާ ކުރެއްވުމަށްފަހު، ގާޒީ އަލީ ރަޝީދު ވަނީ އެއީ އިންޓަވިއުއެއް ނޫން ކަމަށް ވިދާޅުވެ މައްސަލައިން ތަނާޒަލް ނުވުމަށް ނިންމައިފައެވެ.
ރައީސް ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަން ފެއްޓެވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބާ ގުރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެން، ރައީސް ޔާމީނަށް ހުކުމް ކުރަން އޮތް ދުވަހު އޭނާ ސަސްޕެންޑްކުރިއެވެ.
ރައީސް ޔާމީންގެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދާއި ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.