ޚަބަރު

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި ޑރ. ޝަހީމު

1

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމު ބޭފުޅުންގެ ލިސްޓުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ހިމެނިވަޑައިގެންފިއެވެ.

މުސްލިމު އެކި ގައުމުތަކުގެ ވެރިންނާއި އިސް ދީނީ އިލްމުވެރިން ހިމެނޭ އެ ލިސްޓުގައި ޑރ. ޝަހީމު ހިމެނިވަޑައިގަތީ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. އަދި އެ ލިސްޓުގައި ހިމެނިވަޑައިގެންނެވި ހަމައެކަނި ދިވެއްސަކީ ވެސް އޭނާއެވެ.

"ދަ 500 މޯސްޓް އިންފުލުއެންޝިއަލް މުސްލިމުސް"ގެ ލިސްޓަކީ އުރުދުންގެ އައްމާންގައި ހުންނަ ރޯޔަލް އިސްލާމިކް ސްޓްރެޓެޖިކް ސްޓަޑީސް ސެންޓަރުން 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ ލިސްޓެކެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ޑރ. ޝަހީމަކީ ރާއްޖޭގައި އިސްލާމީ ތައުލީމާއި ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން މޯލްޑިވްސް ހަޖު ކޯޕަރޭޝަނާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިތުރުން ވަގުފު ފަންޑު އުފެއްދުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމު ވެސް އަދާކުރެއްވި ޑރ. ޝަހީމު މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟