ވިލިމާލޭގެ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި ރޭ ރޯވީ، އެބޯޓުން ލޯންޗަކަށް ތެޔޮ އަޅައި ނިމުމަށްފަހު ލޯންޗު ނައްޓާލަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ 22:40 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި އެ ހާދިސާގައި ތެޔޮބޯޓުގައި ރޯވި އަލިފާންގަނޑު ފަޅުގައި އޮތް ލޯންޗެއްގައި ވެސް ހިފިއެވެ. އަދި އެ ލޯންޗު ވަނީ ފަޅުތެރެއަށް އަޑިއަށް ގޮސްފައެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި އެވަގުތު ލޯންޗުގައި ތިބި ތިން ބިދޭސީ އަކަށާއި ތިން ދިވެއްސަކަށް އެކިވަރުގެ އަނިޔާ ލިބިގެން ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭގެތެރެއިން ދެ ދިވެހިންނާއި ބިދޭސީއެއް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، ރޯވި ތެޔޮބޯޓުން ލޯންޗަށް ތެޔޮ އެޅުމަށްފަހު، ލޯންޗު ނައްޓާލަން އުޅުމުގެ ތެރޭގައެވެ.
މިއަހަރުގެ އޮކްޓޯބަރު އެއް ވަނަ ދުވަހު ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނެވެ. އަދި އޭގެތެރެއިން ފަސް ތެޔޮ ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލުވިއިރު، ހާދިސާގައި ހަތް މީހަކު ފިހުނެވެ.
ފުލުހުން ބުނީ، އެފަދަ ހާދިސާތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް އެކަން ކުރުމަށް އޮންނަ ގަވާއިދާއި އުސޫލުގެ ތެރެއިން، ރައްކާތެރިކަމަށް ސަމާލުކަންދީގެން އެފަދަ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.