ޚަބަރު

މެެރާކީގައި ތަތްކުރި އިންޒާރުގެ ނޯޓިސް ލިޔަން ތިބި ވީޑިއޯ ފުލުހުން ހޯދައިފި

އާނިފާ ހުސެއިން ސިރާޖް

ގަލޮޅުގައި ހުންނަ މެރާކީ ކޮފީ ރޯސްޓާސްގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު އެތަނުގެ ދޮރުގައި ތައްކުރި އިންޒާރުގެ ނޯޓިސް، ލިޔަން ތިބި ވީޑިއޯއެއް ފުލުހުން ހޯދާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މެރާކީގައި ކުރިން މަސައްކަތްކުރި ފިރިހެނެއް ގޮތަށް ހެދުން އަޅާ އަންހެން މުވައްޒަފަކާ ގުޅިގެން، އެކޮފީ ޝޮޕްގެ ބިިއްލޫރިގަނޑު ތަޅާލާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:13 ހާއިރުއެވެ. އެތަނަށް ގެއްލުން ދީފައިވަނީ އޭނާ ހެދުން އަޅާ ގޮތަށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރާތާ ވެސް ދުވަސްތަކެއް ފަހުންނެވެ.

އެ ނޯޓިސް ލިޔަން ތިބި ވީޑިއޯއެއް މިހާރު ހޯދާފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވީ މިއަދު އޮތް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ސީޕީ ހަމީދު ވިދާޅުވީ އެމީހުން އެ ނޯޓު ލިޔަން ތިބި ތަނާއި، ނޯޓު ލިޔަނިކޮށް ނަގާފައިވާ ވީޑިއޯ މިހާރު ހޯދާފައިވާ ކަމަށެވެ.

މެރާކީގެ ބިއްލޫރިގަނޑު ތަޅައިލުމަށްފަހު އެތަނުގެ ދޮރުގައި ތަތްކުރި އިންޒާރުގެ ނޯޓިހުގައި ލިޔެފައިވަނީ "އަންހެން ------ ފިރިހެން ނުވައްޗޭ. ފިރިހެނުން އަންހެން ނުވައްޗޭ،" މިހެންނެވެ.

އެ މައްސަލައާ ގުޅިގެން މިހާރު ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު، ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުންނެވެ. އެއީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.