ޚަބަރު

60،000އަށްވުރެ މަތީ އާމްދަނީން ޓެކްސް ނަގަން ފާސްކޮށްފި

އިބްރާހިމް ޒަކީ

1

މަހަކު 60،000 ރުފިޔާގެ މަތީގެ އާމްދަނީން އިންކަމްޓެކްސް ނެގުމަށް ބިލުގައި ކަނޑައަޅައި އެ ބިލު ދިރާސާ ކުރި ކޮމިޓީން މިއަދު ބިލް ފާސްކޮށްފިއެވެ.

އެ ބިލް ފާސްކުރީ މުޅި މަޖިލިސް ކޮމިޓީއަކަށް ބަދަލުކޮށްގެން ކުރިއަށް ގެންދިޔަ ބަހުސަށް ފަހުގައެވެ.

މި ބަހުސްގައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕަލަމެންޓް ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހަ އިސްލާހެއް ހުށަހެޅުއްވިއެވެ.

ކޮމިޓީން ފާސްކޮށްފައިވަނީ މަހެއްގެ މައްޗަށް 60،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އާމްދަނީލިބޭ މީހުންގެ އަތުން އާމްދަަނީގެ 5.5 ޕަސެންޓު ޓެކުހުގެ ގޮތުގައި ނެގުމަށެވެ.

އަދި 100،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީން އަށް ޕަސެންޓް، 150،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު އަދި 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް ނަގަން މުޅި މަޖިލީހުގެ ކޮމިޓީިން މިއަދު ވަނީ ފާސްކޮށްފައެވެ.

މިއީ ސަރުކާރުން ބިލު ހުށަހެޅިއިރު އޮތް ގޮތަށް ގެނަސްފައިވާ ބޮޑެތި ބަދަލުތަކެކެވެ.

ސަރުކާރުން ބިލް ހުށަހެޅިއިރު، އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި ކަނޑައަޅާފައި އޮތީ 40،000 ރުފިޔާއެވެ.

އެގޮތުން 40،000 ރުފިޔާ އިން ފެށިގެން 60،000 ރުފިޔާއާ ހަމައަށް އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި ނަގަން އޮތީ އަށް ޕަސަންޓު ކަނޑައަޅައިފައެވެ. އަދި 60،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ 10 ޕަސެންޓް އަދި 100،000 އަށް ވުރެ މަތީ އާމްދަނީއެއް ލިބޭ މީހުންގެ އަތުން 15 ޕަސެންޓްގެ އިންކަމް ޓެކްސްއެއް ނަގަން އޮތީ ހިމަނައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ 2020 އަށް ސަރުކާރުން ހުށަހަޅާ ބަޖެޓް ފާސް ކުރުުގެ ކުރިން މި ބިލު މަޖިލީހުން ފާސްކުރަންޖެހޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟