ލަނޑާ ނަގާ ދޯނީގަ ދޯނި ތެރޭގައި ރ. މަޑުއްވަރީ 26 އަހަރުގެ އިސްމާއިލް ހައްމާދު އަށް ހަމަލާދީ ޒަހަމް ކޮށްލީ އޭނާ ވައްކަމަކާ އެއްބަސް ނުވެގެން ކަން ހާމަ ވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ މި މައްސަލައާ ބެހޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ދެއްވި މައުލޫމާތު ތަކުގައެވެ.
އެ މައުލޫމާތުތަކަށް ބަލާއިރު ދޯނީގައި ދެބަސްވުން ހިނގީ، ހަމަލާ ދިން އިރު ދޯނީގައި ތިބި ތިން މީހުން ވެގެން، އޭގެ ދުވަސްކޮޅެއް ކުރިން ރިސޯޓަކުން ވަގަށްނެގި ޑިންގީ އެއްގެ މައްސަލައިގައި އެ ޑިންގީ ވަރަށް ނެގީ ހައްމާދު ކަމަށް އެއްބަސް ނުވުމުންނެވެ.
ފުލުހުންނާ ހިސާބަށް ގޮސްފައިވާ އެ މައްސަލައިގައި އެމީހުން ބޭނުންވަނީ ހައްމާދު އެކަމުގެ ޒިންމާ ނެގުމަށްފަހު އެމީހުން އެކަމުން ސަލާމަތް ވުމަށެވެ.
އެކަމަށް ހައްމާދު އެއްބަސް ކުރުމަށް އެމީހުން މަސައްކަތްކުރީ ހުކުރު ވިލޭރޭ ދޯނި ދަތުރަށް ފަށައިފައެވެ. އަދި އެކަމަށް ހައްމާދު އެއްބަސް ނުވުމުން އެެއީ ދީނުގެ މަގުގައި ކުރަންޖެހޭ ކަމެއް ކަމަށްބުނެ ހައްމާދަށް ވަނީ މަޖުބޫރު ކޮށްފައެެވެ. ހަރުކަށި ހިޔާލުގެ އެ މީހުން ދެކޭ ގޮތުގައި އެމީހުން ގަބޫލު ނުކުރާ އުސޫލަކަށް އުޅޭ ކޮންމެ މީހަކީ ކާފަރެކެވެ. އައި އެއިން ކޮންމެ މީހެއްގެ މުދާވެސް އެމީހުންނަށް ހަލާލު ވާނެއެވެ.
ޑިންގީ މައްސަލައިގައި ހައްމާދު އެއްބަސް ނުވުމުން އޭނާގެ ބޮލުުގެ ފުއްކިބައިގެ އިތުރުން ވަޅިން އޭނާގެ ކަރަށް ހަމަލާ ދިނުމުން މޫދަށް ފުންމައިލީ އެވެ.
އޭގެ ފަހުން ހައްމާދު ފަތާފައިގޮސް އއ މާޅޮހަަށް އެރޭ ވަރުވީ ދަންވަރުގެ ވަގުތުގައެވެ.
ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އެ ހާދިސާ ހިނގި ވަގުތު ދޯނީގައ ތިބީ ތިން މީހުންކަމަށާއި ހައްމާދަށް ހަމަލާދީނީ އިސްމާއިލް އާސިފް ކިޔާ މީހެއްކަމަށެވެ.
ބަންދުގެ މުއްދަތުގެ މަޖިލީހަށް ގެންދިޔުމުން އެނާ ކުށަށް އިއުތުރާފުވެ ހައްމާދަށް ހަމަލާދިން ވަޅި އެއްލާލިތަން ކިޔާދީފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ އެ ހާދިސާ ހިނގި ސަރަހައްދުގެ 15 މީޓަރު އަޑީގައި އޮއްވާ އިއްޔެގެ ވަގުތެއްގައި ފުލުހުން އެވަޅި ނަގާފައިވާކަމަށެވެ.
ވަކިން ޖަމާއަތް ހަދައިގެން ނަމާދުކޮށް، ފަތުވާތައް ދީ އުޅުނު ނަމަވެސް މި ގްރޫޕަށް ބޮޑެތި ވައްކަންތަކެއްގެ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.
ކޮމިޝަނަރ ކޮމިޓީއަށް ވިދާޅުވީ ޒަހަމްވި ހައްމާދަކީ ކުށުގެ ރެކޯޑު އޮތް މީގެއް ކަމަށެވެ.
އޭގެ ތެރޭގައި 22 ސެޕްޓެމްބަރު 2019 ގައި މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި އެހެން ތަކެތި ވައްދަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހައްޔަރުކޮށްފައިވުމުގެ އިތުރުން، 2012 ގައި ވީޓީވީ އަށް ހަމަލާދީގެން ހައްޔަރުކޮށް ހަތް އަހަރަށް ޖަލަށްލާފައިވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ފ. މާއުނގޫދޫ ކައުންސިލް އިދާރާގެ ތިޖޫރި ވެސް ވަނީ ވަގަށް ނަގައިފައެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ހައްމާދު އައިސީޔޫއިން މިހާރު ވޯޑަކަށް ބަދަލުކޮށްފައިވާ ކަަމަށެވެ.