ރަނގަޅު މުސާރައަކާއެކު ރާއްޖެއިން ޕާޓް-ޓައިމް ވަޒީފާ ދޭނެ ކަމަށް ބުނެ މީހުނަށް ގުޅާ، މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ނަގާތީ އެކަމަށް ސަމާލުވާން ފުލުހުން އެދެފިއެވެ.
ފުލުހުން ބުނީ ވަޓްސްއެޕް މެދުވެރިކޮށް މީހުންނަށް ގުޅައިގެން ރާއްޖެއިން ރަނގަޅު މުސާރައަކާއެކު ޕާޓް ޓައިމް ވަޒީފާ ދޭނެ ކަމަށާއި ބޭންކު އެކައުންޓަށް ފައިސާ ފޮނުވުމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ އެކި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަންކަން ކުރަމުން ދަނީ 13215762192(+) އަދި 1(940)279-2182(+)، މި ދެ ނަމްބަރުންކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ، އެގޮތަށް ގުޅައިގެން ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް ފައިސާ ނަގާފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ކޯލެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ، ނުވަތަ އެއްވެސް ފަރާތެއްގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ބެލެވޭނަމަ އެކަން ރިޕޯޓު ކުރުމަށް ފުލުހުން އެދެއެވެ.
މީގެ އިތުރުން އެފަދަ ކަންކަމުން ސަލާމަތްވުމަށް ގޮތް ނޭނގޭ ފޯނު ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ގޮތް ނޭނގޭ އެކައުންޓުތަކަށް ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.