ޚަބަރު

ސްރީލަންކަން އެއާލައިންސް އިން އައްޑޫގައި މެޑިކަލް ކޭމްޕެއް ބާއްވަނީ

މަރިޔަމް ޝަހުދާ

ސީއެސްއާރުގެ ދަށުން ސްރީލަންކަން އެއާލައިންސް އިން ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން އައްޑޫގައި މެޑިކަލް ކޭމްޕެއް ބޭއްވުމަށް ނިންމައިފި އެވެ.

އެ މެޑިކަލް ކޭމްޕް ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ސްރީލަންކަން އެއާލައިންސް އިން މައުލޫމާތު ދިން ގޮތުގައި އެ ކޭމްޕު ކުރިއަށްގެންދިއުމުގެ ގޮތުން އިންޑިއާގެ ޓްރިޗީގެ މަޝްހޫރު ކައުވެރީ ހޮސްޕިޓަލުގެ މެޑިކަލް ސްޕެޝަލިސްޓް ޓީމެއް ގެނައުމަށް ވަނީ ހަމަޖައްސައިފައެވެ.

އެ ކޭމްޕް ކުރިއަށްގެންދާނީ އެ އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އޭސް އެވިއޭޝަނާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އަދި ކައުވެރީ ހޮސްޕިޓަލުން ގުޅިގެން ކަމަށް ސްރީލަންކަން އެއާލައިންސް އިން މައުލޫމާތު ދެއެވެ.

ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕުގައި ހިތުގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް، ނާރުގެ ބަލިތައް، ޑައިޓީޝަނެއްގެ އިތުރުން ހޯމޯން މައްސަލަތަކަށް ފަރުވާ ދިނުމަށް ހާއްސަ ޑޮކްޓަރެއް ބަލިމީހުންނަށް ފަރުވާ ދިނުމަށް ސްރީލަންކަން އެއާލައިންސް އިން ވަނީ ހަމަޖައްސައިފައެވެ.

ސްރީލަންކަން އެއާލައިންސް އިން 2017 ވަނަ އަހަރުވެސް މެޑިކަލް ކޭމްޕެއް ކުރިއަށްގެންގޮސްފައިވާ އިރު، މިފަހަރުގެ މެޑިކަލް ކޭމްޕަކީ އެ އެއާލައިނުން ގަމަށް ދަތުރުތައް ފެށިތާ ތިން އަހަރު ވުމުން އެކަން ފާހަގަކުރުމުުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ސްރީލަންކަން އިން ބުނެއެވެ.