ޚަބަރު

ޕެސްޓިސައިޑް އިޝްތިހާރު ކުރުން މަނާކޮށް، ލައިސަންސްނެތި ވިއްކާ ފަރާތްތައް ޖޫރިމަނާކުރަން ހިމަނައި ބިލު ފާސްކޮށްފި

އިބްރާހިމް ޒަކީ

ޕެސްޓިސައިޑް އިޝްތިހާރު ކުރުން މަނާކޮށް، ލައިސަންސް ނެތި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާ ތަކެއް ކަނޑައަޅައި ދަނޑުވެރި ކަމުގައި ބޭނުންކުރާ ޕެސްޓިޒައިޑް ކޮންޓްރޯލް ކުރުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 72 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މި ބިލް އަމާޒު ކޮށްފައިވަނީ ދަނޑުވެރި ކަމުގައި ޕެސްޓިސައިޑް ބޭނުން ކުރާ މިންވަރު މަދުކުރުމަށް ބާރު އެޅުމާއި ކޮންޓްރޯލް ކުރުމާއި ރެގިއުލޭޓް ކުރުމަށެވެ.

މި ބިލުގައި ލައިސަންސް ނެތި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކަށް 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނައިފައެވެ.

އަދި ޕެސްޓިސައިޑް އެކްސްޕޯޓު ކުރުމާއި އަލުން ބަންދު ކުރުމަކީވެސް ކުށެއް ކަމުގައި ކަނޑަ އަޅައި އެ ކުށުގެ އަދަބަކީވެސް 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނައިފައެވެ.

ބިލުގައި ބުނެފައިވަނީ އެއިން ކޮންމެ ކަމެއްވެސް ކުރެވޭނީ އެކަމަށްޓަކައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށެވެ.

ބިލުުގައި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ތަނެއްގައި ނުވަތަ ޖަނަވާރު ގެންގުޅޭތަނެއްގައި ނުވަތަ ކާބޯތަކެތީގެ އުފެއްދުންތައް، ނުވަތަ ޖަނަވާރުގެ ކާނާ ގެންގުޅޭ ތަނެއްގައި ޕެސްޓިސައިޑް ރައްކާކޮށްފައި ބެހެއްޓުމާއި، ބޭނުންކުރަން ހުއްދަ ދީފައިވާ ބާވަތްނޫން އެހެން ބާވަތެއް ބޭނުން ކުރުމަކީ ކުށެއް ކަމުގައި ކަނޑަަޅައި 15،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ވަނީ ހިމަނައިފައެވެ.

މައުލޫމާތު ހިމެނޭ ލޭބަލެއް ނުވަތަ ކަރުދާހަކާ ނުލައި ޕެސްޓިސައިޑް ވިއްކުމާއި، އިންސާނުންނާއި ޖަނަވާރުންގެ ސިއްހަތަށް އަދި ތިމާވެއްޓަށް ގެއްލުންވާގޮތަށް ބެހެއްޓުމަކީވެސް ކުށެކެވެ. އަދި އެތަކެތި ގަޑުބަޑު ކުރުމަކީވެސް ކުށެކެވެ. އެކުށްތަކަށްވެސް 15،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ވަނީ ހިމަނައިފައެވެ.

ބިލުގައިވާގޮތުން ޕެސްޓިސައިޑްއާ ބެހޭ ކަންކަން ބެލުމަށް ޕެސްޓިސައިޑް އިނިސްޕެކްޓަރުން ތިބެން ޖެހެއެވެ.

އަދި އެފަރާތްތަކަށް ލިބިގެންވާ ބާރަށް ހުރަސް އެޅުމާއި ޕެސްޓިސައިޑް އެއްްތަނުން އަނެއް ތަނަށް ގެންދާއިރު މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެ ކުށުގެ އަދަބެއްގެ ގޮތުގައި 5،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރަންވެސް ބިލުގައިވަނީ ހިމަނައިފައެވެ.