ޚަބަރު

އެޗްއާރުސީއެމްގެ ބާރު، ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވާތީ ހުށަހެޅި ގަރާރު ފާސްކޮށްފި

އިބްރާހިމް ޒަކީ

ގާނޫނުއަސާސީގެ ދަށުން އުފެދިފައިވާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ބާރު، ހަމަ އެ ގާނޫނުއަސާސީގެ ދަށުން އުފެދިފައިވާ ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ހިލާފަށް ނިގުޅައިގެންފައިވާކަމަށް ބުނެ ހުށަހެޅި ގަރާރު މަޖިލީހުން ފާސްކޮށްފިއެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި މި ގަރާރު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ގަރާރުގައި ބުުނެފައިވަނީ، ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަންގެ ބާރުތައް ހަމަ އެ ގާނޫނުއަސާސީން އުފައްދާފައިވާ ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވަނީ ހަމަ އެ ގާނޫނުއަަސާސީއާ ހިލާފަށް ކަމަށެވެ.

މިގަރާރު އަމާޒު ކޮށްފައިވަނީ ދެހާސް ސާދަ ވަނަ އަހަރު ސުމޯޓޯ މައްސަލައެއްގެ ގޮތުގައި އެޗްއާރުސީއެމްގެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކަށެވެ.

ސުޕްރީމް ކޯޓުން ކޮށްފައިވާ އެ ހުކުމްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ގާނޫނުއަސާސީން އުފައްދާފައިވާ ހިޔުމަން ރައިޓްސް ކޮމިޝަންގެ މޭންޑޭޓަކަށް ގާނޫނީގޮތުން ވާން ވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އެ ކޮމިޝަނަށް ހުއްދަކޮށްފައިވާ މަސައްކަތްކުރުން ކަމަށެވެ.

އެ މަސައްކަތްތައް ކުރުމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ގައިޑް ލައިނެއް ކަނޑައަޅައިފައެވެ.

ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ތަރައްގީ ކުރުމަށް މަސައްކަތް ކުރުމުގައި މި ހުކުމްގައި ކަނޑައެޅި ބަޔާންވެފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަމުން ގެންދިޔުމަށާއި ގައިޑްލައިނާ ހިލާފުނުވުމަށް ހިއުމަންރައިޓްސް ކޮމިޝަންގެ މައްޗަށް އެ ހުކުމުން ވަނީ އަމުރުކޮށްފައެވެ.