އިބްރާހިމް ޒަކީ
ފަރަށް އަރާ އުޅަނދު ފަހަރު ފުން ކުރާނެ އިދާރާއެއް އުފައްދަން ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފި އެވެ.
ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި މި ގަރާރު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ގަރާރު މަޖިލީހަށް ބަލައިގަނެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
މިއީ ދޯނި ފަހަރާއި މީހުންނާއި މުދާ އުފުލާ އުޅަނދު ފަހަރާއި، ޓޫރިސްްޓުން އުފުލާ އުޅަނދު ފަހަރާއި، އޮޔާދާ އުޅަނދު ފަހަރާއި، ބޭރު ދަތުރުކުރާ އުޅަނދު ފަހަރު، ފަރަށް އެރުމުން ފުން ކުރުމުގައި އަމަލީގޮތުން މަސައްކަތް ކޮށްދޭނެ، ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމާއި އެފަދަ އިދާރާއެއް ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހުރުމުގެ މުހިންމުކަން ފާހަގަކޮށް ހުށަހެޅި ގަރާރެކެވެ.
މިގަރާރުގައި، އެ ފަދަ ހާދިސާތައް ދުމާވުމުން މީހުން އުފުލަންޖެހޭ ތަކުލީފާއި އެކަމުގެ ސަބަބުން ގިނަ ފައިސާތަކެއް ވަގުތުން ހަރަދު ކުރަން ޖެހުމުން އާއިލާތައް ބަނގުރޫޓުވާކަން ވަނީ ފާހަގަ ކޮށްފައެވެ.
ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ފަރަށްއަރާ އުޅަނދު ފަހަރު، ފުން ކުރުމުގެ އަމަލީ މަސައްކަތް ކުރާނެ ދައުލަތުގެ އިދާރާއެއް ހަމަޖެހި، އެ އިދާރާއިން އެކަމުގެ އުސޫލުތަކާއި ނިޒާމުތައް ގާއިމް ކުރުމުގެ ބޭނުންތެރިކަމާއި މުހިންމުކަން ގަބޫލުކޮށް، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނަސް އެފަދަ ވުޒާރާއެއް އުފެއްދުމަށް މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.