ގދ. ރަތަފަންދޫގައި އާދިއްތަ ދުވަހާއި ހޯމަ ދުވަހު ހިންގި މާރާމާރީއެއްގައި ފަސް މީހަކަށް އަނިޔާވެ، އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ދެ މާރާމާރީއަކީ ގުޅިފައިވާ ދެ މާރާމާރީއެވެ. މި ދެމާރާމާރީގައި އަނިޔާވި ފަސްމީހުން ވެސް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ނަމަވެސް މި ފަސް މީހުންނަށް ލިބުނީ ކޮންކަހަލަ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެއެވެ.
މީގެ ތެރެއިން އާދިއްތަ ދުވަހު ހިންގި މާރާމާރީގައި އަނިޔާ ލިބުނީ ހަތަރު މީހަކަށެވެ. ހޯމަ ދުވަހު ހިންގި މާރާމާރީގައި އަނިޔާވެފައި ވަނީ އެކަކަށް ކަމަށް ފުލުހުން ބުނެ އެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފު އަސްލަމް ވިދާޅުވީ އަނިޔާ ލިބުނު މީހުންގެ ތެރެއިން ދެމީހެއްގެ ބޯ ފަޅައިގެންގޮސްފައި ވުމުގެ ސަބަބުން ފަހަން ޖެހުނު ކަމަށެވެ. އެހެން މީހެއްގެ އަތަށް ކަށިގަނޑެއް ޖަހާފައިވާ ކަމަށް ހުނެއިފު ވިދާޅުވި އެވެ. ނަމަވެސް އެތަނުން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި ފަރުވާ ދިނުމަށްފަހު އެމީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ހުނައިފު ވިދާޅުވިއެވެ. މި ދެ މާރާމާރީ ހިންގި ފަހުން ރަށުތެރޭ އިތުރު ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށްވެސް ހުނައިފު ވިފާޅުވިއެވެ.
މި ދެ މައްސަލައާއި ގުޅިގެން ފުލުހުން ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ އަށް މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. އެއީ 20 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި 24 އަހަރުގެ ދެމީހަކާއި 26 އަހަރުގެ މީހެއް އަދި 27 އަހަރުގެ މީހެކެވެ.
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މި އަށް މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ދީފައިވަނީ ހަތަރު މީހަކަށެވެ. އަނެއް ހަތަރު މީހުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހައިދިން މީހުންގެ ތެރެއިން 20 އަހަރުގެ އެކަކުގެ އިތުރުން 24 އަހަރުގެ މީހާއަށް ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި 20 އަހަރުގެ އަނެއް މީހާއަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި ކަމަށާއި، 23 އަހަރުގެ މީހާއަށް ބަންދުގެ މުއްދަތަކަށް ޖަހާފައިވަނީ ހަ ދުވަސް ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.