އިބްރާހިމް ޒަކީ
މެންބަރަކާ ބައްދަލުކުރަން ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަތް މީހެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބަލަން ފަށައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އެ މައްސަލަ ބަލަމުން އަންނަނީ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ކަމަށެވެ.
މަޖިލިސް އިދާރާއިން ބުނީ މެންބަރަކާ ބައްދަލު ކުރަން ކަމަށްބުނެ ވަދެފައިވަނީ އާއްމުންގެ މީހެއް ކަމަށެވެ.
އަދި މިދިޔަ ހޯމަ ދުވަހު ވަތް އެމީހާގެ މައްސަލަ ބަލަނީ އެމީހާގެ ފަރާތުން ޝައްކުވާ ޒާތުގެ އަމަލުތަކެއް ފެނިފައިވާތީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށްވެސް މަޖިލިސް އިދާރާއިން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިއާއު "ވަން އޮންލައިން" އަށް ވިދާާޅުވީ އެކަމާބެހޭ އިތުރު ތަފްސީލު މަޖިލިސް އިދާރާއަށް ލިބިފައިނުުވާ ކަމަށާއި، އެކަން އެނގިވަޑައިގަންނަވާނީ އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކޮމިޓީއަށް ކަމަށެވެ.