ޚަބަރު

ޔާމީނާއި ވަހީދުގެ ވެރިކަމުގައި ހިންގި ކަންތައްތައް ބަލަން ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލު ގާނޫނުއަސާސީއާ ހިލާފު

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018އާ ދެމެދުގައި ހިންގާފައިވާ ކަންތައްތައް ބަލަން އަމާޒު ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އިންތިގާލީ އިންސާފުގެ ބިލު" އަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓް މެންބަރު ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ "އިންތިގާލީ އިންސާފުގެ ބިލު"ގެ ބަހުސްގައި ވާހަކަ ދައްކަމުން ޝިޔާމު ވިދާޅުވީ އެ ބިލު ފަރުމާ ކޮށްފައި އޮތީ ގާނޫނުއަސާސީއާ ހިލާފަށް ވަކި މީހަކަށް ވަކި ބަޔަކަށް އަދި ވަކި ތާރީހަކަށް އަމާޒު ކޮށްގެން ކަމަށެވެ.

ސަރުކާރުން ބޭނުންވަނީ ގާނޫނު އަސާސީ އާއި އިންސާފުން ބޭރުން ކަންކަން ކުރުމަށް ކަމަށް އެކަމުން ދޭހަވާ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަން ވާނީ ގާނޫނުއަސާސީގައި ވާގޮތުގެ މަތިން ކަމަށާއި، މަޖިލީހުން ހަދާ އެންމެހާ ގާނޫނުތައް ހަދަން ވާނީ ގާނޫނުއަސީގައި ބަޔާންވެގެންވާ ގޮތުމެމަތިން ކަމަށާއި، އެއާ ހިލާފަށް ހަދާ ގާނޫނުތަކާއި ގާނޫނުން ބައެއްވިޔަސް ބާތިލު ވާނެ ކަމަށާއި އެފަދަ ގާނޫނެއްގެ ބާރު ނުހިނގާނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އަދުލު އިންސާފާބެހޭގޮތުން ގޮތް ނިންމާނީ ހަމައެކަނި ޝަރުއީ ކޯޓުތަކުން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވީނަމަވެސް އެ ހުރިހާ ބާރުތަކެއް، އެ ބިލުން އޮން ބޮޓްސްމަން އަށް ދީފައިވާ ކަމަށެވެ. އަދި ގާނޫނުން އެހުރިހާ ބާރުތައް ދީގެން މިހާރުވެސް ދެ ކޮމިޝަން ހަދާފައި އޮތްއިރު ހަމަ އެ ބާރުތައް ދީގެން މި ގާނޫނު ހެދުމުގެ ބޭނުމަކީ ބައެއްގެ ކަރުގައި ހިފުން ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ ރާއްޖެއިންނާއި ރާއްޖޭން ބޭރުން ބޭނުން ވަރަކަށް މީހުން ހައްޔަރުކޮށްގެން އޮންބޮޑްސްމަން އޮފީހުގައި މަަަަސައްކަތް ކުރުވުމުގެ ބާރުވެސް ގާނޫނުން ބިލުގައި ލިބިދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 66 މެންބަރުންނާ އެކު 75 ޕަސެންޓް އޮތުމުން ސަރުކާރުން ރައްޔިތުންނަށް ބޭނުންގޮތެއް ހަދަމުންދާ ކަމަށެވެ.