ޚަބަރު

ގާސިމްގެ ނުހޮރުއްޕާނާހެދި މިއުޅެނީ ގައުމު ނުހިންގިގެން: ޖާބިރު

އިބްރާހިމް ޒަކީ

މި ގައުމު ނުހިންގިގެން އުޅެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ނުހޮރުއްޕާނާ ހެދި ކަމަށް ޑީއާރުޕީގެ ލީޑަރު އަދު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ދައުލަތަށް އަތް ބާނައިގެން ނޫން ގޮތަކަށް ވިޔަފާރި ކުރައްވަންވެސް ގާސިމަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓާއި ޓްރާންސްޕޯޓާއި ކޮންޓްރެކްޓިން ކޮމްޕެނީ އޮތީ ގާސިމު އަތުގައި ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ގައުމުގެ ބޮޑެތި ކުންފުނިތަކާއި މުޅި ދައުލަތް އޮތީ ގާސިމަށް ކަމަށެވެ.

"ގާސިމް އިބްރަހިމްގެ ނުހޮރުއްޕާނާ ހެދި މި ގައުމު ނުހިނގައިގެން މިއުޅެނީ މިއަދަކު ނޫން، މިހާރު ޒަމާންތަކެއް ވެއްޖެ، ގާސިމް އިބްރާހިމްގެ ވިޔަފަރިތައް ދައުލަތަށް އަތް ބާނައިގެން ނޫން ގޮތަކަށް ވިޔަފާރިކުރަން އެމަނިކުފާނަށް އެނގިވަަޑައެއް ނުގަންނަވާ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ދައުލަތަށް އަތް ބާނައިގެން ނޫން ގޮތަކަށް ވިޔަފާރިކުރަން ނޭނގެންޏާ ވިޔަފާރި ކޮންސަލްޓަންޓުން ގެނެސްގެން ބިޒްނަސް މޮޑެލްގެ ވިޔަފާރިކުރަން ގާސިމަށް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.