ސްކޫލު ޗުއްޓީ ތެރޭ ހުރިހާ ގަޑިތަކެއްގައި މާލެ ތެރޭ މުދާ އުފުލުމުގެ ހުއްދަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ދީފިއެވެ.
އެ އޮތޯރިޓީން އާންމު ކުރި އިއުލާނެއްގައި ބުނީ މި މަހު 25އިން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަހެއްގެ ނިޔަލަށް މާލެތެރޭގައި ހުރިހާ ވަގުތެއްގައިވެސް މުދާ އުފުލޭނެ ކަމަށެވެ.
މާލެތެރޭ މުދާ އުފުލޭ ގަޑިތަކަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިއަހަރުގެ ޖުލައި މަހުއެވެ. އެގޮތުން މާލޭގައި ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދަށް ވެސް މުދާ އުފުލުމުގެ ހުއްދަ ހެނދުނު 09:00 އާއި 11:30 އަށް ބަދަލުކޮށް ހެނދުނު 11:30 އިން މެންދުރު 13:30 އާއި ދެމެދު 350 ކިލޯއިން ފެށިގެން ދަށުގެ އުނޅަދުތައް ފިޔަވައި އެހެން އުޅަނދުތަކަށް މަނާކޮށްފައި ވެއެވެ.
ޓްރާންސްޕޯޓުން މި ބަދަލު ގެނެސްފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ދިރާސީ އަހަރު ނިމި ސްކޫލު ބަންދުވުމާ ގުޅިގެން ލިބޭ ބޮޑު ޗުއްޓީއަށެވެ. މި ބަދަލަކީ މި ދުވަސްކޮޅަށް ވަގުތީ ގޮތުން ގެންނަ ބަދަލެއް ކަމަށާއި، ޖެނުއަރީ ފަހެއްގެ ފަހުން ކުރިން އަމަލު ކުރަމުން އައި އުސޫލަށް އަމަލު ކުރާނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.