ޚަބަރު

ޑީޖޭއޭއިން ހުށަހެޅި މައްސަލަ ނިމުނީ ރާއްޖެޓީވީއާ އެއްކޮޅަށް

އަހުމަދު ޖައިޝަން

ރާއްޖެޓީވީން ގެނެސްދެމުންދާ ޕްރޮގްރާމެއް ކަމަށްވާ "ފަށާއިރު"ގައި ދެއްކި ވާހަކަައަކާ ގުޅިގެން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ރާއްޖެޓީވީއާ ދެކޮޅަށް ހުށަހެޅި މައްސަލަ ރާއްޖެ ޓީވީ ކޮޅަށް ނިމިއްޖެއެވެ.

ޑީޖޭއޭއިން މައްސަލަ ހުށަހަޅާފައިވަނީ ފަށާއިރު ޕްރޮގްރާމްގައި ފަނޑިޔާރުންގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ، އެ ޕްރޮގްރާމް ހުށަހެޅި ޕްރެޒެންޓަރުންގެ މައްސަލަ ބަލައިދިނުމަށް އެދިއެވެ.

ޑީޖޭއޭއިން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ހެނދުނު ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންނާ މެދު ރައްޔިތުންގެ ހިތުގައި ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެއީ ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ ދުސްތޫރީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް ވެސް އެ މައްސަލައިގައި ޑީޖޭއޭއިން ވަނީ ބުނެފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން އެ މައްސަލަ ރާއްޖެޓީވީއާ އެއްކޮޅަކަށް ނިންމާފައިވާއިރު ބްރޯޑްކޮމް އިން މީގެކުރީން ވަނީ ރާއްޖެޓީވީއާ ދެކޮޅަށް ވަރަށް ގިނަ މައްސަލަތަކެއް ނިންމައި އެ ސްޓޭޝަން މިލިއަނުން ޖޫރިމަނާކޮށްފައެވެ.

ބްރޯޑްކޮމް އިން ބުނެފައިވަނީ އެ ޕްރޮގްރާމްގައި ދެއްކި ވާހަކައަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ ހިލާފުނުވާ ވާހަކަތެއް ކަމަށެވެ.