އިޓަލީ ލެޖެންޑް އެލެސެންޑްރޯ ޑެލް ޕިއޭރޯގެ ޗެމްޕިއަންސް ލީގު ރެކޯޑު، ޓޮޓެންހަމް ހޮޓްސްޕާގެ އިނގިރޭސި ފޯވަޑް ހެރީ ކޭން މުގުރާލައިފިއެވެ.
ކޭން މުގުރާލާފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ އަވަހަށް 20 ގޯލު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑެވެ. އޭނާ އެ ރެކޯޑު މުގުރާލާފައިވަނީ ޗެމްޕިއަންސް ލީގުގެ "ގްރޫޕު ބީ"ގައި ރޭ އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅެ 4-2ގެ ނަތީޖާއަކުން ޓޮޓެންހަމް މޮޅުވި މެޗުގައެވެ.
ޓޮޓެންހަމްގެ އާ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ކޭން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ޑެލޭ އަލީ އާއި ސާޖް އޮރިއޭއެވެ.
ޗެމްޕިއަންސް ލީގުގައި ކޭން 20 ލަނޑު ހަމަކޮށްފައި މިވަނީ އޭނާ ކުޅުނު 24 ވަނަ ޗެމްޕިއަންސް ލީގު މެޗުންނެވެ. ޔުވެންޓަސްގެ ލެޖެންޑް ޑެލް ޕިއޭރޯ ކުރިން އެ ރެކޯޑު ހަދާފައިވަނީ 26 މެޗުންނެވެ.
މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގު މެޗުން ޓޮޓެންހަމް މޮޅުވެފައިވަނީ އޮލިމްޕިއާކޯސް އިން ދެ ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ. އެ ނަތީޖާއާއެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި ޓޮޓެންހަމްއަށް ވަނީ ގަދަ 16ގެ ޖާގައެއް ވެސް ކަށަވަރުވެފައެވެ.
"ގްރޫޕު ބީ" އިން ޓޮޓެންހަމްއާއެކު ގަދަ 16ގެ ޖާގަ ކަށަވަރުކޮށްފައިވަނީ ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކްއެވެ. ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފައިވާ ބަޔާނަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނަ ކަށަވަރުކުރި ޓޮޓެންހަމްއަށް ފަސް މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ރެޑް ސްޓާ ބެލްގްރޭޑަށް ފަސް މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް އޮލިމްޕިއާކޯސްއަށް ފަސް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެ ގްރޫޕުގައި ކޮންމެ ޓީމަކަށް ވެސް އަދި އެއް މެޗު އޮންނާނެއެވެ.