ޚަބަރު

މަޑަވެލިން ގެއްލުނު ދުވަސްވީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. މަޑަވެލިން މަސް ހިފަން ގޮސް އުޅެނިކޮށް، ގެއްލިގެން ހޯދަމުންދިޔަ މީހާ މޫދު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިއަދު މެންދުރު 1:00 ގައި މަސް ހިފާ ދަލެއް ހިފައިގެން ރަށުގެ ފަރު މައްޗަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުންދިޔައީ މަޑަވެލީ/ ގަމަރީ، މުހައްމަދު ސައީދު، 72 އެވެ.

މަޑަވެލި ސިއްހީ މަރުކަޒުގެ އިސް އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އޭނާ ފެނިފައިވަނީ މީގެ އިރުކޮޅެއް ކުރިން، މަސް ހިފަން ދިޔަ ސަރަހައްދުން ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ނަމަވެސް އޭނާ މަރުވީ ކިހިނެއް ވެގެން ކަމެއް އަދި ނޭނގޭ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މަޑަވެލި ކައުންސިލުގެ ނައިބު ރައީސް އަޒަމް މުހައްމަދު "ވަން" އަށް މިރޭ ވިދާޅުވީ، ސައީދު ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއް އާއިލާއިން ކައުންސިލަށް ހުށަހެޅީ މިރޭ 8:30 އެހާކަންހާއިރު ކަމަށެވެ. އަދި އޭނާއަކީ އާންމުކޮށް ރަށުގެ ފަރުމައްޗަށް މަސް ހިފަންދާ މީހެއް ކަމަށާއި ނަމަވެސް އޭނާގެ ހިތުގެ ސިއްހީ މައްސަލަތަކެއް އުޅޭކަމަށް އާއިލާއާ ހަވާލާދީ އަޒަމް ވިދާޅުވިއެވެ.