ޚަބަރު

ގާސިމުގެ ބަހުގެ ހަމަލާތަކެއް ޔާމީނަށް: ތިގޮވަނީ ކޮސް، އޮތީ އަމިއްލަ އެދުން އެކަނި!

އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަމިއްލަ އެދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތްކަން ބުއްދިވެރި ކޮންމެ މީހަކަށް މިއަދު އެނގޭނެ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމު ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށާއި އަދި އޭނާއަކީ ކޮންމެ އަހަރަކު ވެރިކަމަށް ކުރިމަތިލާ މީހެއް ކަމަށެވެ.

ނަމަވެސް އެ ފުރުސަތު ނަގާލީ ރައީސް ޔާމީން ކަމަށާއި އެގޮތުން 65 އަހަރުވީ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތް ހަދައި، އެ މާއްދާ ބާތިލުކޮށްފާނެ ކަމަށް ހީވެގެން ޖަލަށްލާން މަސައްކަތްކޮށް، އޭނާ ފުރޭމް ކުރަން ވެސް އުޅުއްވި ކަމަށެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަނލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި އެހެނިހެން ސިޔާސީ ބޭފުޅުން ވެސް ޖަލަށްލީ ރާވައިގެން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ޖަލަށްލާން ހަމަ ކަނޑައެޅިގެން ރާވައިގެންކަން އެންމެން ވެސް ޖަލަށްލީ. އަޅުގަނޑެއް ނޫޅެމޭ އިނގޭތޯ ދަންނަވާކަށެއް، އެއްބަފާ ބޮޑުބޭބެ، 80 އަހަރު ފުރިފައިހުރި މީހަކު ގެންގޮސް ހައްގުން ކަމަކާ ނުލާ އޭނާގެ ދެބޭފުޅުންނާއެކު ގެންގޮސް ޖަލުގެ ގޮޅިއަށް ގަޅާލީމާ އެއީ ކާކުކަން ބުނާކަށް އަޅުގަނޑު ނޫޅޭމޭ،" ގާސިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ގެންނަން، ކޮންމެވެސް ސަބަބަކާހުރެ، ރެއާ ދުވާލު މަސައްކަތްކުރި ބޭފުޅުން އޭރު ރަނަށް ވިޔަސް މިއަދު އެބޭފުޅުން އެހެން ޕާޓީއެއްގައި ތިއްބެވުމުން ފާޑުވިދާޅުވެ ބާ ޓަޔަރަށް ހަދައިފި ކަމަށެވެ. އަދި އެއީ ކޮސް ގޮވުން ކަމަށާއި އޭގެން އެނގެނީ އަމިއްލަ އެދުން ފިޔަވައި އެހެން އެއްޗެއް ނެތްކަން ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަމިއްލައަށް ހަޑި ނަހާވާށޭ. މޮޔަ ނުގޮވާށޭ. ކޮސް ނުގޮވާށޭ. މިހާރު ތިގޮވެނީ ކޮހޭ. ތިކަހަލަ ކޮސް ގޮވާކަށެއް ކަމަކު ނުދާނޭ. ތިހެން ވީމާ ދެން ކާކުތޯ ވިސްނުންތެރި ބުއްދިވެރި އެއްވެސް މީހަކު އެނގޭނެދޯ މީހާގެ ހުރި ކޮލިޓީ. ނެތްކަން އެކައްޗެއް ވެސް އެތެރޭގައި. އަމިއްލަ އެދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތްކަން އެތެރޭގައި. އިހުލާސްތެރިކަމެއް ވެސް ނެތްކަން. އިހުތިރާމެއް ވެސް ނެތްކަން. ޝުކުރުވެރިކަމެއް ވެސް ނެތްކަން ކިތަންމެ ބޮޑު ޤުރުބާނީއެއް ވިޔަސް. ހަމަ ފަތަފޮޅި ފިހުނު ފަތްގަނޑަށް ހެދިގޮތަށްވުރެ ނިކަމެތިކޮށް ނޫންހޭ ތި ހަދަނީ،" ގާސިމު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ހަރަދުކޮށްގެން ހޮވި މެންބަރުން މިއަދު ޕީޕީއެމްގައި ވެސް އެބަ ތިއްބެވިކަން ފާހަގަކުރައްވައި ގާސިމު ވިދާޅުވީ، އެ މެންބަރުންނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާނެ ކަމަށާއި ނުވެސް ބުނާނެ ކަމަށެވެ. އަދި މީގެ ބައިގަރުނު ކުރިން ރާއްޖޭގައި ޖަހާހާއި ބެރަކަށް ނެށިޔަސް، މިއަދު ރާއްޖޭގެ ރައްޔިތުންނަކީ މޮޔައިންނެއް ނޫން ކަމަށާއި އޭރު ނެށިހެން މިއަދު ނުނަށާނެ ކަމަށެވެ.