ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ސިއްހީ ދާއިރާއަށް ދިވެހިން އިތުރުކުރަން ޖެހޭ: ރައީސް

ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ނާސިން ނައު މޯލްޑިވްސް"ގެ ނަމުގައި ހެލްތު މިނިސްޓްރީން ހިންގާ ކެމްޕޭން އިފުތިތާހުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، މިހާރު ހިދުމަތުގައި ތިބި ނަރުހުންގެ އަދަދު އެކަށީގެންވާ ވަރަށްވުރެ މާ މަދު ކަމަށެވެ.

"މިކަމާމެދު ގައުމީ ފެންވަރުގައި އަޅުނގަނޑުމެން އިތުރަށް ސަމާލުވާން އެބަޖެހޭ. އަޅުގަނޑުމެންގެ ސިއްހީ ހިދުމަތުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި، އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ގިނަ އަދަދެއްގެ ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ، ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިވަގުތުވެސް 3300 އަށްވުރެ ގިނަ ނަރުހުން ހިދުމަތުގައި އެބަ ތިބި ކަމަށާއި މިއީ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންގެ ގާތްގަނޑަކަށް 56 އިންސައްތައިގެ ނިސްބަތެއް ކަމަށެވެ. ނަމަވެސް މީގެ ތެރެއިން ގިނަ މީހުންނަކީ ބިދޭސީ ނަރުހުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ސިއްހީ ހިދުމަތުގެ ސިޔާސަތު އަމާޒުކުރެވިފައިވާ މިސްރާބަށް ބަލާއިރު، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، ވަރަށް ގިނަ އަދަދެއްގެ ނަރުހުން ބޭނުންވާނެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީވާއިރު، އެ ސަރަހައްދުތަކުގެ ކުދިން ނަރުހުންގެ ގޮތުގައި ތަމްރީނުވުމަކީ، ވަރަށް މުހިންމު ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިއްހީ ކަންކަމުގައި ރާއްޖެ ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށާއި ޅަފަތުގައި ކުދިން މަރުވާ ނިސްބަތާއި، ވިހެއުމުގެ ތެރޭގައި މައިންނާއި ކުދިން މަރުވާ ނިސްބަތް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައި ކަމަށެވެ. އަދި އުފަންވާއިރު ދިރިހުންނާނެ ކަމަށް ލަފާކުރެވޭ އުމުރުގެ ނިސްބަތް މަތިކުރެވިފައިވާ ކަމަށާއި މިކަންކަން ހާސިލުކުރުމުގައިވެސް ދިވެހި ނަރުހުންގެ ދައުރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.