ވިލިމާލެ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ވިލިމާލެ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފްއަށް އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 10:40 ހާއިރު ކަމަށާއި ތެޔޮ ބޯޓުގައި ރޯވި އަލިފާން ފަޅުގައި އޮތް އިތުރު ދޯންޏެއްގައި ވެސް ހިފާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
ތެޔޮ ބޯޓުގައި އަލިފާން ރޯވީ ގޮވުމަކާއެކުއެވެ. އެ ގޮވުމުގެ އަޑު ސިނަމާލެ 4 ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އިވިފައިވާ ކަމަށާއި އަލިފާންގަނޑު އެރި ތަން އެ ފްލެޓުގެ ފަސްވަނަ ފަންގިފިލާގައި ތިބި މީހުންނަށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހަކު "ވަން"އަށް މައުލޫމާތުދެމުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ހަ މީހަކު ފިހިފައިވާ ކަމަށާއި ފަޔާފައިޓަރެއްގެ ބޯ ފަޅައިގެން ގޮސްގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވި ތެޔޮ ބޯޓަކީ މެރީޑިއަމްގެ ބޯޓެކެވެ.