މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ލީނާ މުހައްމަދު ޒާހިރު ހުސައިން ހަމަޖައްސައިފިއެވެ.
މީރާ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަންކަމުގެ މަގާމަށް ބޭފުޅަކު ކަނޑައަޅަނީ ބޯޑު މެމްބަރުންގެ ތެރެއިން ބޭފުޅެކެވެ. މީރާ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ލީނާ ހަމަޖައްސާފައިވާކަން އެ އިދާރާއިން ވަނީ އިއުލާންކޮށްފައެވެ.
މީރާ ބޯޑުގެ ޗެއާޕާސަނަކީ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ޝަރުވަސް އާދަމެވެ. އެ މަގާމަށް ބޭފުޅަކު އައްޔަންކުރަނީ ފިނޭންސް މިނިސްޓަރެވެ.
މީރާގެ ބޯޑުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންއާއެކު އަށް ބޭފުޅުން ހިމެނެއެވެ. ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަކީ ފަތުހުﷲ ޖަމީލެވެ. އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަކީ އަސްމާ ޝަފީއުއެވެ. އެބޭފުޅުންގެ އިތުރުން މީރާގެ ބޯޑުގައި ދެން ހިމެނެނީ އަހްމަދު ފާއިޒް މުހައްމަދާއި އާއިޝަތު އަޝާ އަލީ އާއި ފަސީހު ޒާހިރި އަދި މަހުޒޫމް ސަލީމެވެ.
ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިއަހަރު ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ އިސްލާހު ތަސްދީގުކުރައްވައިފައެވެ.