ޚަބަރު

ފެނަކައިގެ ކޮރަޕްޝަން މައްސަލައެއް ފައިލް ކޮށްފައިވާ ކަމަށް ބުނެ ލިޔުނު ހަބަރު ދޮގުކޮށްފި

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީގައި ފައިލްކޮށްފައިވާ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދޮގު ކޮށްފިއެވެ.

އޮންލައިން ނޫސް، "ދިޔަރެސް" ގައި އިއްޔެ ލިޔުނު އެ ހަބަރާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ، އަދި ކަން ހިނގާފައިވާ ގޮތް ސާފުކުރުމެއް ނެތި ހެޔޮނިޔަތުން އެއްކިބާވެ ލިޔެފައިވާ ލިޔުމެއް ކަމަށެވެ.

އޭގެ އިތުރުން އެއީ ޒިންމާދާރު ނޫސްވެރިކަމުގެ މިންގަނޑުތަކުން ބޭރުވެ، ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލުވާލައި، ކުންފުނީގެ ނަން ކިލަނބުކޮށް، ކުންފުނީގެ ވެރިންނާއި ޒިންމާދާރު މުވައްޒަފުންގެ އަގު ވައްޓާލައި އަބުރު ކަތިލުމަށް ލިޔެފައިވާ ލިޔުމެއް ކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ.

"ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުންފުނިންކުރާ ކޮންމެ ކަމެއްވެސް ކުރަމުންދާނީ ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނާނެހެން، ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތުގައި ކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަމެވެ،" ފެނަކައިގެ ބަޔާނުގައިވެއެވެ.

ދިޔަރެސް ނޫހުގައި ބުނެފައިވާ ގޮތުން، ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެ ނޫހަށް ވަނީ ލިބިފައެވެ. އަދި އެ ލިޔެ ކިޔުންތަކަށް ބަލާއިރު 1.2 މެގަވޯޓުގެ ދެ ޖަނަރޭޓަރު ސެޓުތަކެއް ގަތުމަށް އިއުލާންކުރުމަށްފަހު ބިޑުކުރުމުގެ ހުރިހާ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު އަލުން ހަމަ އެ ޖަނަރޭޓަރުތައް ގައުމަށް އިއުލާން ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.