ދޫނިދޫ ޖަލުގައި ހުރި ދުވަސްވީ ގޮޅިތައް ތަޅާލުމުގެ މަސައްކަތް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ފައްޓަވައިދެއްވައިފިއެވެ.
މި މަސައްކަތް ދޫނިދޫގައި މިނިސްޓަރު ފައްޓަވައިދެއްވި އިރު މިއަދުގެ މަސައްކަތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ކޮމިޝަން ލެވަލްގެ ފުލުހުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު އިމްރާން ފައްޓަވައިދެއްވި މި މަސައްކަތަކީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، އިންސާނުން ބޭތިއްބުމަށް އެކަށީގެންވާ ތަނަކަށް ޖަލުތައް ހެދުމަށް ސަރުކާރުން ވީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
މި މަސައްކަތާ ގުޅޭގޮތުން ފުލުހުން ބުނީ ދޫނިދޫ ޖަލު އޮޑިޓް ރިޕޯޓުގައި އެތަން ބޭނުން ނުކުރުމަށް އިރުޝާދު ދީފައިވާ ކަމަށާއި ދޫނިދޫގައި ރަނގަޅު ފެންވަރުގެ ޖަލެއް ހެދުމަށްޓަކައި އެންމެ ދުވަސްވީ ތަންތަން ތަޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތް ނިންމައި، ދޫނިދޫ ރީ-ޑިވޮލޮޕމަންޓް ޕްލޭންއެއްގެ ދަށުން މުޅި ޖަލުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ދޫނިދޫ ޖަލުގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށް މިނިސްޓަރު އިމްރާން މީގެ ކުރިން ވިދާޅުވެފައިވާ އިރު، ޖަލުގެ ހާލަތު ބެލުމަށް ފަހު ޖަލު އޮޑިޓް ރިޕޯޓެއް ނެރެފައިވެއެވެ. އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.