ޚަބަރު

އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް އަނެއްކާވެސް ގެއްލުންތަކެއް

މާލޭގައި ޓެކްސީ ކުރާ އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް އަނެއްކާވެސް ގެއްލުންވެއްޖެއެވެ.

ފުލުހުން ބުނީ ދަތުރުކުރަމުންދަނިކޮށް ޓެކްސީއެއްގެ މައްޗަށް ގާބުރިއެއް ވެއްޓި، އެ ކާރުގެ ފަހަތު ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ މައްސަލަ މިއަދު ހަވީރު 5:06 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

އަބަދަށްފެހި މަގުން ދިޔަ ޓެކްސީއެއްގެ ފަހަތު ބިއްލޫރިގަނޑު މައްޗަށް، މަތިން ވެއްޓުނު ގާބުރިއަކީ މަސް ޓޭންކުތަކަށް ލާ ކަހަލަ ގާބުރިއެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ވެސް އައިންތުގެ ކާރަށް ވަނީ ގެއްލުންތަކެއް ވެފައެވެ. އޭރު އައިންތު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ، ކާރަށް ގެއްލުން ދިން ކަމަށް ތުހުމަތުކޮށެވެ.