ޚަބަރު

ހައްމާދަށް ހަމަލާ ދިނީ އެކަކު، ދެންތިބި މީހުން ތިބީ ނިދާފައި: އިމްރާން

އިބްރާހިމް ޒަކީ

ދޯނި ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ޒަހަމްކޮށްލި ރ. މަޑުއްވަރީ 26 އަހަރުގެ އިސްމާއިލް ހައްމާދު އަށް ހަމަލާ ދިނީ އެންމެ މީހެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލައާބެހޭގޮތުން މަޖިލިސް މެންބަރުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، އެހާދިސާ ހިނގިއިރު ދޯނީގައި ތިބި އެހެން މީހުން ތިބީ ނިދާފައި ކަމަށެވެ.

ހައްމާދު ޒަހަމް ކޮށްލި މައްސަލައާ ގުޅިގެން 30 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އއ. ރަސްދޫ ކޯޓުން އޭނާގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިދީފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މި މާރާމާރީ ހިނގި ކަމަށް ބެލެވެނީ، ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި އުފެދުނު ދެބަސް ވުމެއްގެ ތެރެއިންނެވެ.

މި ހާދިސާގައި ޒަހަމްވި ހައްމާދަކީ ވެސް އެ ފިކުރުގެ މީހެކެވެ.

އެހާދިސާގައި އޭނާއަށް ހަމަލާދީ ޒަހަމްކޮށްލުމަށްފަހު ކަނޑަށް އެއްލާލުމުން، ފަތާފައި ގޮސް މާޅޮހަށް އެރިއެވެ. އަދި އެ ދޯނީގައި ތިބި ބައެއް މީހުން ވެސް އޭނާ ހޯދުމަށް އެރަށަށް އެރިކަމަށްވެއެވެ.

ސީރިއަސް ހާލާތެއްގައި މިހާރުވެސް ހައްމާދު އަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.