ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅުނު ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނައުމާއި ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ދިވެހި މަސް ދޯންޏަކުން ލަންކާގެ އެ މަސްބޯޓު ހިފެހެއްޓީ ޏ. ފުވައްމުލަކުގެ އިރުން 10 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިއަދު 11:25 ހާއިރު ކަމަށެވެ.
އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް އެ ސަރަހައްދަށް ފޮނުވި ކަމަށާއި އަދި އެބޯޓް މިހާރު ދަތުރުކުރަމުން ދަނީ ގއ. ކަނޑުހުޅުދޫއަށް ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ، އެގޮތަށް ދަތުރުކުރާ އުޅަނދު ފަހަރު މަސްވެރިން ނުހިފެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެފަދަ ޝައްކު ކުރެވޭ ބޭރުގެ އެއްވެސް އުޅަނދެއް ފެނިއްޖެނަމަ ލަސް ނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި ރިޕޯޓް ކުރުމަށް ވެސް އެމްއެންޑީއެފުން އެދެއެވެ.