އިންސާފު ލިބޭނެކަން ޔަގީންވާ ދުވަހަކުން އަބުރު ކަތިލި މީހުންނާއި ދެކޮޅަށް ދައުވާ ކުރައްވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅު ވެއްޖެއެވެ.
ޑރ. ޝަހީމް މިއަު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަތަރު މަޒުހަބުގެ ހަތަރުވެރިން ގެނައި އަނިޔާވެރި ނިޒާމު، ހަތަރުކަނުން އިރައިގެން ދާނެކަމަށެވެ. އިންސާފު ލިބޭނެ ކަން ޔަގީންވީ ދުވަހަކުން އަބުރު ކަތިލި މީހުންނާއި ދެކޮޅަށް ދައުވާ ކުރައްވާ ނެކަމަށެވެ.
ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި މައްސަލަ ތަހުގީގު ކުރި މަތުތައް ބަލާ ކޮމިޓީން ޝަހީމަށް ތުހުމަތު ތަކެއް ކޮށްފައި ވާތީއެވެ.
މިއަދު ޑރ ޝަހީމް ޓްވީޓް ކޮށްފައި ވާއިރު ސަލަފް ޖަމްއިއްޔާ އާއި ޑރ. ޝަހީމު ހިމެނޭގޮތަށް ޑރ. އަފްރާޝީމްގެ މަރާ ގުޅުން ހުރި ހުރިހާ ފަރާތްތަކަކަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ފާސްކޮށްފައެވެ.
އަފްރާޝީމްގެ މަރާ ގުޅޭގޮތުން މަރުތައްބަލާ ކޮމިޝަނުން ނެރުނު ރިޕޯޓް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް، ނެރުނު ރިޕޯޓުގައި ހިމެނައިގެން އެ ފަރާތްތަކަށް ފިޔަވަޅު އަޅަން މިއަދު މަޖިލިހުން ފާސް ކުރީ 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތަށް ކޮމިޓީ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް 10 މެމްބަރަކު ވޯޓު ދެއްވި އެވެ.
ދޭއް އޮކްޓޯބަރު 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.
ކޮމިޓީ ރިޕޯޓްގައި ޑރ. ޝަހީމަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކޮމިޝަންގެ ތަހުގީގަށް ތެދު މައުލޫމާތު ނުދިނުމާއި މައުލޫމާތު ހިއްސާ ކުރަން ޖެހޭ ވަގުތުގައި އެކަން ހިއްސާ ކޮށްފައި ނުވުމާއި އެކަމާ ގުޅޭ މައުލޫމާތުތައް ގަސްދުގައި ސިއްރު ކުރުން ހިމެނެއެވެ.