ޚަބަރު

ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި ޓީޗަރަށް 2017 ގައި ފިޔަވަޅު އެޅި: ސީއެޗްއެސްއީ

މަރިޔަމް ޝަހުދާ

ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި ޓީޗަރަށް 2017 ގައި ފިޔަވަޅު އެޅި ކަމަށް ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން، ސީއެޗްއެސްއީ އިން ބުނެފިއެވެ.

ސީއެޗްސީގައި އިސްލާމް ކިޔަވައިދޭ ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި ބުނުމަށް ރައްދުދެމުން ސީއެޗްއެސްއީގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ކުރި ޓުވީޓޭއްގައި ބުނެފައިވަނީ އެ މައްސަލަ ސްކޫލަށް ހުށަހަޅާފައިވަނީ 2017 ވަނަ އަހަރު ކަމަށެވެ. އަދި މައްސަލަ ސްކޫލަށް ހުށަހެޅުމާއެކު އެ ޓީޗަރު ކްލާސްތަކަށް ނުފޮނުވާ، އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.

ސީއެޗްއެސްއީ އިން ބުނީ މި މައްސަލަ ބަލާ، މިނިސްޓްރީގެ ލަފާގެ މަތިން ދަރިވަރުންގެ ބަޔާން ނަގާ މިނިސްޓްރީ އާއި 2017ގައި ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މި މައްސަލައަކީ އޭރު މިނިސްޓްރީ އިން އެކަމަށް ފިޔަވަޅު އަޅާފައިވާ މައްސަލައެއް ކަމަށް ސީއެޗްއެސްއީ އިން ބުނެއެވެ.

ނަމަވެސް މިކަމާ ގުޅިގެން އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި މި މައްސަލައަކީ މީގެ ކުރިން ބަލާ، އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާ މައްސަލައެއް ކަމަށް ބުނެފައެއް ނުވެއެވެ. އަދި މި މައްސަލަ މިހާތަނަށް ބެލި ބެލުމުން ދަރިވަރުން ފާހަގަކޮށްފައިވާ ކަންކަމަކީ ހިނގާފައިވާ ކަންތަކެއްކަމަށް ބެލެވޭތީ މި މައްސަލަ މިނިސްޓްރީން ބަލަން ނިންމާފައިވާ ކަމަށް މިނިސްޓްރީގެ މި ބަޔާނުގައި ބުނެފައިވެއެވެ.

ސީއެޗްއެސްއީގެ އިސްލާމް ޓީޗަރެއް ކަމަށްވާ ހަސަން ޒަރީރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެކި މެސެޖުތަކުގައިވާ ގޮތުން މި މުދައްރިސަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން އަންހެން ދަރިވަރުންނަށް އެކި ގޮތްގަތުން ޖިންސީ ފުރައްސާރަ ކުރާ މީހެކެވެ. އެގޮތުން 2005-2006 ގައި ސީއެޗްއެސްއީ އިން ތައުލީމު ހޯދި ދަރިވަރުން ވަނީ ސޯޝަލް މީޑިއާގައި ޒަރީރުގެ މައްސަލަތައް ހިއްސާކޮށްފައެވެ.

ޒަރީރު ސްކޫލުގައި އަންހެން ދަރިވަރުންނާއި މެދު އަމަލުކުރާގޮތް އެކި ދަރިވަރުން ސޯޝަލް މީޑިއާގެ އެހީގައި އާންމު ކުރި ނަމަވެސް، މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ ސީއެޗްއެސްއީ ދަރިވަރަކު އޭނާއަށް ދިމާވި ކަންކަން ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރުމުންނެވެ. އެއާއެކު އެކި އަހަރު ސީއެޗްއެސްއީ ގައި ކިޔެވި ދަރިވަރުންވަނީ ޒަރީރުގެ ފަރާތުން އެމީހުންނަށް ކުރިމަތިވި އެކި ފުރައްސާރަތައް އާންމުކޮށް، އެޑިއުކޭޝަނާއި ސީއެޗްއެސްއީ އަށް މި މައްސަލައާއި ގުޅިގެން ވީހާވެސް އަވަހަށް ފިޔަވަޅެއް އެޅުމަށް ގޮވާލާފައެވެ.