އިބްރާހިމް ޒަކީ
ޖަމިއްޔާތަކުގެ ރަޖިސްޓްރާ ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް، ހުށަހެޅި ޖަމިއްޔާތަކާ ބެހޭ ބިލް މަޖިލީހަށް ބަލައިގެންފިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ބިލު ބަލައިގަތުމަށްފަހު ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
މި ބިލުގައި ޖަމްއިއްޔާތައް ރަޖިސްޓްރީ ކޮށްދީ ގާނޫނީ ގޮތުން އެފަރާތްތަކަށް ހަމަޖައްސަން ޖެހޭ ކަންތައްތައް ހަމަޖެއްސުމަށް، ލަފާދޭނެ 11 މެމްބަރުންގެ ކޮމިޓީއަކާއެކު ޖަމިއްޔާތަކުގެ ރަޖިސްޓްރާ އުފައްދަން ވަނީ ހިމަނައިފައެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ހުށަހެޅުއްވި މި ބިލުގައި، ޖަމިއްޔާގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަންކޮށް ވަކި ކުރުމުގެ ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ނަމަވެސް ރަޖިސްޓްރާ އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމުގައި ޖަވާބުދާރީ ވާނީ މިނިސްޓަރަށެވެ.
ރަޖިސްޓްރާގެ މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ އެއް ދައުރު ކަމަށް ބިލުގައި ބުނެފައިވީ ނަމަވެސް އިތުރު ފަސް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ރަޖިސްޓްރާގެ މަގާމުގެ މުއްދަތު ދިގު ކުރެވޭ އުސޫލެއްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ރަޖިސްޓްރާއަށް ލަފާދޭ 11 މެމްބަރުގެ ކޮމިޓީއެއް އެކުލަވައިލަންޖެހޭ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އެ ކޮމިޓީ އެކުވާލާން ޖެހޭނީ ބިލުގައި ބުނެފައިވާގޮތުން، ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތަކުން ހުށަހަޅާ ނަންތަކެއްގެ ތެރެއިން ޖަމިއްޔާތައް ތަމްސީލު ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
މި ބިލުގައި ގާނޫނާއި ގަވާއިދާ ހިލާފުވުމުން ޖަމިޔާތަކާ މެދު ފިޔަވަޅު އެޅުމާއި ސަރުކާރުން ޖަމިއްޔާތަކަށް ލިބިދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އިނާޔަތްތައް ހަމަހަމަ އުސޫލުން ހޯދައި ދިނުމުގެ ބާރު ޖަމިއްޔާގެ ރަޖިސްޓްރާއަށް ލިބިދީފައިވެއެވެ.