ޚަބަރު

ސަލަފާއި، ޝަހީމް ހިމެނޭގޮތަށް އަފްރާޝީމްގެ މަރާ ގުޅޭ ފަރާތްތަަކަށް ފިޔަވަޅު އަޅަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

1

ސަލަފް ޖަމްއިއްޔާ އާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނޭގޮތަށް ޑރ. އަފްރާޝީމްގެ މަރާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައި ވަނީ މަރުގެ ރިޕޯޓް ތަހުގީގުކޮށް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ން ހިމެނި ރިކޮމެންޑޭޝަން ތަކަކާއެކު މަޖިލީިހަށް ހުށަހެޅި ރިޕޯޓަށް މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެގޮތަށް ރިޕޯޓް ފާސްކުރީ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ގޮތަށް ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ.

ކޮމިޓީ ރިޕޯޓްގައި ސަލަފްގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އަފްރާޝިމްގެ މަރާ ގުޅޭ ގޮތުން ހިންގާފައިވާ ކަންތައްތަކުގައި ހިމޭ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ޖަމާއަތްތަކުގެ ތެރެއިން އެންމެ އިސް ޖަމާއަތުގެ ގޮތުގައެވެ.

ސަލަފް ޖަމްއިއްޔާގެ އިތުރުން ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތާއި އައިއެސް އަށް ބައިއަތު ހިފި ޖަމާއަތާއި ޖަބްހަތުއްނުސްރާ އަށް ވާގިވެރިވާ އަލްގައިދާ ޖަމާއަތްވެސް ކޮމިޓީ ރިޕޯޓްގައި ލިސްޓު ކޮށްފައިވެއެވެ.

ރިޕޯޓްގައި ޑރ. ޝަހީމަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކޮމިޝަންގެ ތަހުގީގަށް ތެދު މައުލޫމާތު ނުދިނުމާއި މައުލޫމާތު ހިއްސާ ކުރަން ޖެހޭ ވަގުތުގައި އެކަން ހިއްސާ ކޮށްފައި ނުވުމާއި އެކަމާ ގުޅޭ މައުލޫމާތުތައް ގަސްދުގައި ސިއްރު ކުރުން ހިމެނެއެވެ.

މަޖިލީހުން ފާސްކުރި ރިޕޯޓްގައި ހިމެނޭ ބައެއް ރިކޮމަންޑޭޝަންތަކުގެ ތެރޭގައި، ހުމާމާއި ޝާނާއި އެކަމުގައި ބައިވެރިވިއިރު 18 އަހަރު ނުފުރޭ ކުޑަކުއްޖާގެ އިތުރުން އަފްރާޝީމް އަވަހާރަކޮށްލި ރޭ ހ. ފުންވިލު ކައިރީގައި ހުރި ކްރަސްޓީސް ރެސްޓޯރަންޓުގައި ޖަރީމާ ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި އެ ގޭގެ ސިޑިމަތީގައި ހަރަކާތްތެރިވި މީހުންނާ މެދުގައި ފިޔަވަޅު އަޅަން އެދިފައިވެއެވެ.

އަދި އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބަދަލުކުރެވިފައިވާ ގޮތް ދެނެގަތުމަށް 2012 އިން ފެށިގެން 2008 އަށް ސަލަފް ޖަމްއިއްޔާއިން ހަރަދު ކޮށްފައިވާ ގޮތާއި އަހަރީ ހިސާބުތަކުގެ ތަފްސީލުތައް ހޯދަން ވެސް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟