އަންނަ އަހަރުގެ އެސްއެސްސީ އިމްތިހާނުގެ ގުރުއާން މާއްދާގެ އެސައިންމަންޓް ހެދުމަށް ދަސްކޮށްދޭ ހާއްސަ ޕްރޮގްރާމެއް ލުމިނަސް ޓްރެއިނިންގް ސެންޓަރުން އަންނަ ޑިސެމްބަރު މަހު ފަށަން ނިންމައިފިއެވެ.
ލުމިނަސް ޓްރެއިނިންގް ސެންޓަރުގެ ޕްރޮގްރާމް ކޯޑިނޭޓަރު ''ވަން އޮންލައިން'' އަށް މައުލޫމާތު ދިން ގޮތުގައި އަންނަ އަހަރު ގްރޭޑް ދިހައެއްގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެސްއެސްސީ އިމްތިހާނަށް ބޭނުންވާ އެސައިންމަންޓް ލިޔާނެ ގޮތުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އަލަށް އެކުލަވާލި މުގައްރަރުގެ ދަށުން ގުރުއާން މާއްދާއިން ފާސްވުމަށް %60 އިމްތިހާނުން އަދި %40 އެސައިންމަންޓުން ލިބޭ ގޮތަށް މުގައްރަރު ބަދަލުކޮށްފައި ވާކަމަށް ލުމިނަސްގެ ޕްރޮގްރާމް ކޯޑިނޭޓަރު މައުލޫމާތު ދިނެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު މަހު އަށެއްގައެވެ.
ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުން 15 ދަރިވަރަކަށް ޖާގަ ދޭނެ ކަމަށާއި، ނަމަވެސް ކުދިން ހަމަވާ މިންވަރަކުން އިތުރު ކުލާސްތައް ނަގައިދޭނެ ކަމަށް ލުމިނަސް ޓްރައިނިންގް ސެންޓަރުން ބުންޏެއެވެ.
ފަސް ދުވަސް މަތިން ހަތް ގަޑިއިރަށް ކިޔަވައިދޭ މި ޕްރޮގްރާމަކީ 300 ރުފިޔާގެ ފީ އަކާއެކު ބައިވެރިވެނޭނެ ޕްރޮގްރާމެއް ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމުގެ ދަށުން އެސައިމަންޓް ހަދާނެގޮތުގެ އިތުރުން، އެސައިމަންޓްގެ ބައިތަކާއި ރިފަރެންސް ދިނުން ފަދަ މުހިއްމުކަންކަން ދަރިވަރުންނަށް ކިޔައި ދޭނެ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ. އަދި އެސައިމަންޓް ލިޔާއިރު އިބާރާތްތައް ގެންގުޅޭނެ ގޮތާއި އެސައިމަންޓް ހެދުމަށް ބޭނުންވާ ހުނަރާއި އުކުޅުތައް އުނގަންނައިދޭނެ ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.