ޚަބަރު

މަޖިލިސް ތަޅުމުގައި އުފެދުނު ދެބަސް ވުމުގައި ޖާބިރުގެ ގައިގައި ޝަރީފް ޖައްސަވައިފިކަމަަށް ވިދާޅުވެއްޖެ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތަޅުމުގައި ހިނގި ދެބަސް ވުމެއްގައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ގައި ގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ޖެއްސެވި ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހޯމް މިނިސްޓަރާ ސުވާލު ކުރުމުގެ ކަންތައް ކުރިއަށްދިޔަ ވަގުތުގައި، މިނިސްޓަރު ޖަވާބު ދެއްވި ގޮތާމެދު ހިންހަމަ ޖެހިވަޑައިނުގެން ޖާބިރު ގޮނޑީގައި އިންނަވައިގެން އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ. ނަމަވެސް މައިކް ޖައްސާފައި ނެތުމުން ޖާބިރު ކުއްވި އެއްޗެއް އެވަގުތަކު ސާފެއް ނުވެއެވެ. އަދި ޖާބިރު އަޑުގަދަ ކުރައްވަމުން ގެންދަވާތީ، މެންބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ގެންދެވި ހޯމް މިިނިސްޓަރު އިމްރާންވެސް ހުންނެވީ ދައްކަވަމުން ގެންދެވި ވާހަކަ މެދުކަނޑުއްވާ ލައްވައިގެންނެވެ.

ޖާބިރު އަޑުގަދަ ކުރައްވަމުން ފަހަތަށް އެނބުރި ވަޑައިގެން އޭނާއާ ދިމާލުން ކަހަލަ ގޮތަކަށް އެންމެ ފަހަތު ގޮނޑިބަރީގައި އިންނެވި މަރަދޫ ދާއިރާގެ މެންބަރަށް އެއްޗެއް ވިދާޅުވިތަން ފެނުނެވެ.

ކުއްލިއަކަށް ފެނުނީ ވަރަށް ބާރަށް އަޑުގަަ ކުރައްވަމުން ޝާރީން ޖާބިރުގެ ކައިރިއަށް ވަޑައިގެންނެވިތަނެވެ. އެހިސާބުން އެބޭފުޅުން އަތް އުއްކަވައި ވަރަށް ބާރަށް ޒުވާބު ކުރެއްވިތަން ފެނުނެވެ.

އެ ޒުވާބުގެ ތެރެއިން ޝަރީފް ޖާބިރުގެ ގައިގައި ޖެއްސެވިކަމަށް ބާރު އަޑުން ތަކުރާރުކޮށް މަޖިލީހުގެ ރައީސަށް ޖާބިރު ވިދާޅުވަމުން ގެންދެވިއެވެ.

މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު ތަކުރާރުކޮށް ވިދާާޅުވީ، އެތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ޝަރީފު ހުންނެވީ ދެން ޖަހައިފާނެފަދަ ހިސާބެއްގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަދި އަޅުގަނޑަކަށް ތިޔަތަނެއް ނުފެނޭ، އިއްޒަތްތެރި މެންބަރު ހަމަ ވަރަށް ގާތުގަ ހުރީ، ގާތްގަނޑަކަށް ދެން ޖަހައިބަލަ، އެހިސާބުގަހުރީ އަޅުގަނޑަށް ވަރްބޮދޑަށް ސާފު އެއްވެސް ނުރައްކަލެއް ނެތް ކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.