ޚަބަރު

ބަރުލަމާނީ ގެނެސް ނަޝީދު ޕްރައިމް މިނިސްޓަރަކަށް ވަޑައިގަންނަވާއިރު، ޑެޕިއުޓީގެ މަގާމު އަޅުގަނޑު ބޭނުން: ޖާބިރު

އިބްރާހިމް ޒަކީ

ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސް ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނާނެ ކަމަށާއި، އެއަށްފަރު ރާއްޖޭގެ ޕްރައިމް މިނިސްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕްރައި މިނިސްޓަރަކަށް ވަޑައިގަންނަވާއިރު، ޑިޕިއުޓީ ޕްރައިމިނިސްޓަރުކަން ބޭނުވެ ވަޑައިގަންނަވާކަމަށް ޑީއާރުޕީގެ ލީދަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސް ގާނޫނު އަސާސީ ބަދަލުކޮށްގެން ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަވާނެ ކަމަށެވެ.

އެއަށްފަހު ރާއްޖޭގެ ޕްރައިމިނިސްޓަރުކަށް ވަޑައިގަންނަވާނީ، މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކަމަށާއި ޑިޕިއުޓީ ޕްރައިމް މިނިސްޓަރު ކަމުގެ މަގާމު އޭނާ ބޭނުންވެ ވަޑައިގަންނަވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"ގާނޫނުއަސާސީ ބަދަލުކޮށް ރެފަރެންޑަމަކަށް ގޮސް ބަރުލަމާނީ ނިޒާމަކަށް ގެންނާނަން ރާއްޖެ، އެއަށްފަހު ރާއްޖޭގެ ޕްރައި މިނިސްޓަރަކަށް މަނިކުފާނު ވަޑައިގަންވާނީ، އަޅުގަނޑު ބޭނުން ޑިިޕިއުޓީ ޕްރައިމް މިނިސްޓަރުކަމުގެ މަގާމު، އެއީ ދެން އަޅުގަނޑުގެ ކަންޑިޝަން ތަކަކީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ނިދި ނުކުރައްވައި ރައީސް ނަޝީދު ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ރައީސް ނަޝީދާ ކޯލީޝަން ހެދުމަށް ޑީއާރުޕީ އޮތީ ތައްޔާރަށް ކަމަށްވެސް އެ ޕާޓީގެ ލީޑަރު ކަމުގެ މަގާމުގައި ހުންނެވި ޖާބިރު ވިދާލުވިއެވެ.