ހޮނިހިރު ދުވަހުގެ ރޭ މެރާކީ ކޮފީ ރޯސްޓާސްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، ސީޕީ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މެރާކީގެ ބިިއްލޫރިގަނޑު ތަޅާލާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:13 ހާއިރު، އެ ކޮފީ ޝޮޕުގައި މީގެ ކުރިން މަސައްކަތް ކުރި މުވައްޒަފަކާއި ގުޅިގެންނެވެ. އެ ކޮފީޝޮޕްގެ ބިއްލޫރިގަނޑު ތަޅާއިލުމަށް އެއްލި ގާގަނޑުގައި އިންޒާރަކާއެކު ކަރުދާސްކޮޅެއް ހަރުކޮށްފައިވެއެވެ. އެ ކަރުދާސް ކޮޅުގައި ލިޔެފައިވަނީ "އަންހެން ------ ފިރިހެން ނުވައްޗޭ. ފިރިހެނުން އަންހެން ނުވައްޗޭ،" މިހެންނެވެ.
މި މައްސަލައާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވެފައި ވަނީ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައެވެ. މިކަމާ ގުޅިގެން އިތުރު މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުން ކަމަށެވެ. އެއީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މެރާކީ ބިއްލޫރިގަނޑު ތަޅާލި މައްސަލައާއި ގުޅޭ މީހުން ފާހަގަކުރެވި ހައްޔަރު ކުރެވިފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވިއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހަށް މިނިސްޓަރާއި ސުވާލު ކުރުމަށް ހާޒިރުކޮށް، މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.