އިބްރާހިމް ޒަކީ
އެހެން ރަށެއްގެ ދޯންޏަކުން ށ. އަތޮޅު މާއުނގޫދޫއަށް އަރައި އެރަށުގެ ބައެއް ފާރުތަކުގައި ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލޯގޯ ސުޕްރޭކޮށް ޖަހާފައިވާ މައްސަލައިގައި، އެކަންކުރި މީހުން ތިބި ދޯނި އައިޑެންޓިފައި ކުރެވިފައިވާ ކަމަށާއި، އެ ދޯނި މިހާރުވަނީ ކަނޑުމަތީގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
މިމަހުގެ 16 ވަނަ ދުވަހު ށ. އަތޮޅު މާއުނގޫދޫ އަށް ބަޔަކު އަރައި އެރަށުގެ ބައެއް ފާރުތަކަށް އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލޯގޯ ސުޕްރޭކޮށް ޖަހާފައިވާ މައްސަލައިގައި، އެރަު މީހުންގެ ކަންބޮޑުން ފާޅުކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް އެކަމާ ގުޅިގެން ފުލުހުން އެއްވެސް ކަމެއް ކޮށްފައިނުވަނީ ކީއްވެތޯ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިއަދުގެ މަޖިލިސް ޖަލްސާގައި ހޯމް މިނިސްޓަރު ވިދާޅުވީ، އެ ކަން ހިނގި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެރަށު ކައިރީ ޕޮލިސް ސްޓޭޝަން ތަކުން އެރަށަށް ފުލުހުން ދިޔަ ކަމަށެވެ.
އަދި ފުލުހުން ކުރި މަސައްކަތުން އެކަމުގައި ބޭނުން ކުރި ދޯނި މިހާރު އައިޑެންޓިފައި ކުރެވިފައިވާ ކަމަށާއި ނަމަވެސް މިވަގުތު އެމީހުން ތިބީ ކަނޑުމަތީގައި ކަމަށް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އެ ދޯނި ހޯދުނުހާ އަވަހަކަށް އެކަން ކުރި މީހުންނާ ސުވާލުކޮށް ތަހުގީގު ހިންގުމަށް ފުލުހުން ދަނީ ތައްޔާރުވަމުންދާ ކަމަށެވެ.
"މިހާރު ވަނީ އެހަރަކާތްހިންގި ދޯނި އައިޑެންޓިފައި ކުރެވިފަ، އެ މީހުން މިވަގުތު ވަނީ ކަނޑުމަތީގަ، އެ ދޯނި ހޯދުނުހާ އަވަހަކަށް އެމީހުންނާ ސުވާލުކޮށް، ތަހުގީގު ހިންގުމަށް ފުލުހުން ދަނީ ތައްޔާރުވަމުން،" އިމްރާން ވިދާޅުވިއެވެ.