އިބްރާހިމް ޒަކީ
ޓެރަޒިމް ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން ހުރި ޖަމާއަތެއް ރާއްޖޭގައި އެބައޮތް ކަމަށާއި، ރާއްޖޭގައި އައިސިސްއާ ގުޅުންހުރި ބައެއް ފަރާތްތައް ބަންދުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، ޓެރަރިމްގެ ގާނޫނުގެ ދަށުން ދަށުން، ރާއްޖޭގައި ޓެރަރިޒަމްގެ ޖަމާއަތްތަކުގެ ގޮތުގައި ފާހަގަ ކުރާ ޖަމާއަތްތަކެއް ސަރުކާރުން ކަނައަޅާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި މުޅި ދުނިޔޭގައި ޓެރަރިޒަމް ހިންމުމަށް މަޝްހޫރު ޖަމާއަތެއް ކަމަށްވާ އައިސިސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، އޭގެ ތެރެއިން ބައެއް ފަރާތްތައް ފުލުހުންގެ ބެލުނުގެ ދަށުގައި ބަންދުކޮށްފައިވާ ކަމަށެވެ.
"ޓެރަރިމްގެ ގާނޫނުގެ ދަށުން ޓެރަރިޒަމާ ގުޅުންހުރި ނުވަތަ ރާއްޖޭގައި ޓެރަރިޒަމްގެ ޖަމާއަތްތަކުގެ ގޮތުގައި ފާހަގަ ކުރާ ޖަމާއަތްތަކެއް ސަރުކާރުން ވަނީ ކަނޑައަޅައިފަ، އެގޮތުން އައިސިސް ހިމެނޭ. މިހާތަން ބެލި ބެލުމުން ރާއްޖޭގައި އައިސިސްއާ ގުުޅިގެން ނުވަތަ ގުޅުންހުރި ބައެއް ފަރާތްތައް ފާހަގަ ކުރެވޭ. އޭގެ ތެރެއިން ބައެއް ފަރާތްތައް ވަނީ ފުލުންގެ ބެލުނުގެ ދަށުގައި ބަންދު ކުރެވިފަ،" ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ހޯމް މިނިސްޓްރީގެ މައްޗަށް އަމަލު ކުރުމަށް ލާޒިމްކޮށް މަޖިލީހުން ފާސްކޮށްފައިވާ އެއްވެސް ގާނޫނަކަށް އަމަލު ކުރުމަށް ހޯމް މިނިސްޓްރީގެ މައްޗަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ފުލުހުންނާއެކު މަޝްވަރާ ކުރެވި ވާހަކަ ދެކެވިގެން އެންމެ ފަސޭހަ ގޮތަކަށް ގާނޫނު ތަންފީޒު ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.