ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ ވަކި ކުރުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލިސް ޖަލްސާއަށް

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކި ކުރުމާބެހޭގޮތުން ރައްިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއިން ގޮތެއް ނިންމަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓިގެ ފަނޑިޔާރަކު ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މާދަމާ އޮންނަ މަޖިލިސް ޖަލްސާގައި އިއުލާނު ކުރައްވާނެ ކަމަށެވެ.

އަދި މަޖިލީހުގެ މި ދައުރުގައިވެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައޮވާއިރު، އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި މާދަމާ މަޖިލީހަށް ފޮނުވާ ފަނޑިޔާރު ވަކި ކުރުމުން ސުޕްރީމް ކޯޓިގެ ހުރިހާ ފަނޑިޔާރުން ބަދަލު ކުރެވުނީ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ފަނޑިޔާރުން އެކަނި ބަދަލުކޮށްގެން ޝަރުއީ ނިޒާމު އިސްލާހުވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެކަމަށްޓަކައި އިންތިޒާމާއި ނިޒާމްތައް ހަރުދަނާކޮށް، މީހުން ތަމްރީނު ކުރަންޖެހޭ ކަމަށާއި، ވަރަށް ގާތުން ފަނޑިޔާރުންގެ މަސައްކަތް ބެލުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

ޣަނީ މަގާމުން ވަކިކުރަން ޖޭއެސްސީއިން މަޖިލީހަށް ފޮނުވާފައިވާއިރު އޭނާ ވަނީ 60 ދުވަަހަށް ސަސްޕެންޑު ވެސް ކޮށްފައެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން ޖޭއެސްސީން ނިންމީ އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހުގަ އެވެ. އެއީ ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅޭ ސުލޫކީ މައްސަލަތަކެކެވެ. ޖޭއެސްސީއިން މީގެ ކުރިން ހާމަކުރި ގޮތުގައި އޭނާގެ ތިން މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އޭގެ އިތުރުން އޭސީސީންވެސް އޭނާގެ މައްސަލައެއް ދަނީ ބަލަމުންނެވެ. އޭސީސީއިން ބަލަމުން ދަނީ ފަނޑިޔާރު ޣަނީ ހައިކޯޓުގެ އިސް ގާޒީކަމުގައި ހުންނެވިއިރު 2012 ވަނަ އަހަރު ހިންގާފައިވާ އަމަލެއްގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއްކަން އެނގިފައި ވެއެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން މަޖިލީހަށް ފޮނުވާފައިވާ އިރު ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކޮށްފައެވެ. އަދި އޭގެ ކުރިން އޮގަސްޓް 28ގައި އެ ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވެސް ވަނީ ވަކިކޮށްފައެވެ.