ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި އިސްލާމް ކިޔަވައިދޭ ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސީއެޗްއެސްއީގެ އިސްލާމް ޓީޗަރެއް ކަމަށްވާ ހަސަން ޒަރީރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން އެކަން މިނިސްޓްރީން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް ބެލިބެލުމުން އޭގައި ދަރިވަރުން ފާހަގަކޮށްފައިވާ ކަންކަމަކީ ޓީޗަރުގެ ފަރާތުން ހިނގާފައިވާ ކަންކަން ކަމުގައި ބެލެވޭ ކަމަށް ބަޔާނުގައިވެއެވެ. އަދި މިފަދަ ކަންކަމަކީ އިތުބާރުކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު އޭނާގެ ބެލެހެއްޓުމުގައިވާ ފަރާތަކާމެދު ހިންގައިގެންވާނެ އަމަލުތަކެއްކަމުގައި ނުދެކޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
"އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ދަރިވަރަކަށް ކުރިމަތިވާނެ ފަދަ އަމަލެއް ސުކޫލުގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން ހިންގާފައިވާނަމަ އެކަމެއް ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެއެވެ. އަދި މިވޭތުވެދިޔަ އަހަރުތެރޭގައި އަމަލުކޮށްފައިވާނީވެސް އެގޮތުގެ މަތިންނެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ކުލާސް ރޫމް އަދި ސުކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް އަބަދުވެސް އިސްކަންދޭކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ޖިސްމަށް، އަބުރަށް، ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާނަމަ އެކަމެއް ބަލައި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ބެލެނިވެރިންނާއި ދަރިވަރުންނަށް އަރުވާ ކަމަށެވެ.
ހަސަން ޒަރީރާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް މިފަހުން ފެންމަތި ކުރުވާފައިވަނީ އޭނާގެ ބައެއް ދަރިވަރުންނެވެ.
އެގޮތުން ބައެއް ދަރިވަރުން ވަނީ، ސީއެޗްއެސްއީގައި އިސްލާމް މާއްދާ ކިޔަވައިދޭތާ 10 ވަރަކަށް އަހަރުވެފައިވާ އެމީހާ، ދަންވަރު ވެސް ދަރިވަރުންނަށް ގުޅައި، އެ ދަރިވަރުން ގެއަށްދާއިރު ފާރަލަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.
މީގެ ދެ އަހަރު ކުރިން ހިނގި ވާހަކައެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް އެއް ދަރިވަރަކު ބުނެފައިވާ ގޮތުން، އޭނާގެ ޝަކުވާ ސުކޫލުގެ މެނޭޖްމަންޓާ ހިއްސާކުރުމުން އޭނާގެ ބަދަލުގައި މީހަކު ނުލިބިގެން އުޅޭކަމަށް ބުނެފައިވާ ކަމަށެވެ.
ސީއެޗްއެސްއީގެ ކުރީގެ ދަރިވަރުން ބުނާގޮތުގައި، އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ 2005 އަކުން ފެށިގެން އެމީހުންނަށް ދަނީ ލިބެމުންނެވެ.