ޚަބަރު

ކައިވެނީގެ ނަމުގައި ކުޑަކުދިންނާ ގުޅުން ހިންގާތޯ އާއި އެފަދަ މައްސަލަތަކުގައި އެޅުނު ފިޔަވަޅުތައް ބަލަނީ

ކައިވެނީގެ ނަމުގައި ކުޑަކުދިންނާ ގުޅުން ހިންގާތޯ އާއި އެފަދަ މައްސަލަތަކުގައި އެޅުނު ފިޔަވަޅުތައް ބެލުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

އެކަމުގެ މައުލޫމާތުތައް ދައުލަތުގެ މުއައްސަސާތަކުންނާއި ކައުންސިލް އިދާރާތަކުން ހޯދުމަށް ޖެންޑާ ކޮމިޓީން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ކައިވެނީގެ ނަމުގައި ކުއްޖަކާ ގުޅުން ހިންގައި 13 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައިގައި ހިމެނޭ މީހާއާ މެދު އެޅިފައިވާ ފިޔަވަޅުތައް ބެލުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ. އެކަމުގެ މައުލޫމާތުތައް 24 ގަޑިއިރުގެ ތެރޭގައި މުއައްސަސާތަކުން ހޯދުމަށް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ކުޑަކުދިންނާ ކައިވެނިކޮށް، އެކަން ފުޅާވެފައިވާ މިންވަރާއި ކައިވެނީގެ ނަމުގައި ޖިންސީ ގުޅުން ހިންގާފައިވަނީ ކިތައް ކުޑަކުދިންނާތޯ ބެލުމަށް ވެސް ނިންމާފައިވެއެވެ. އަދި އެކަން މުއައްސަސާތަކަށް އެނގޭ މިންވަރު ބެލުމަށް ވެސް ކޮމިޓީން މިއަދު ވަނީ ނިންމައިފައެވެ.

ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގައި އެފަދަ މައްސަލަތައް ހިނގާފައިވާ މިންވަރު ބެލުމަށް ވެސް ކޮމިޓީން ނިންމިއެވެ. ކައުންސިލްތަކުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތުތައް ހޯދުމަށް ވަނީ ނިންމައިފައެވެ.