ކައިވެނީގެ ނަމުގައި ގުޅުން ހިންގައި، ބަލިވެ އިން ކުއްޖާގެ ބައްޕައަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު އއ. ހިމަންދޫގައި 2007 ވަނަ އަހަރު ފުލުހުންނާއި ސިފައިންނާ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހެއްކަން އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ ބަލެވި އިނުމަށްފަހު މިހާރު 13 އަހަރުގެ ކުއްޖާ ވިހާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި މިއީ ޝަރުއީ ނިޒާމުން ބޭރުން ކައިވެނީގެ ނަމުގައި މީހަކު އެކުއްޖާއާ ގުޅުމެއް އުފައްދާ ފުރަތަމަ ފަހަރު ނޫންކަން ވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ކަމަށެވެ. އަދި ކައިވެނީގެ ނަމުގައި ގުޅުން ހިންގާފައިވަނީ އެކުއްޖާގެ މައިންބަފައިންގެ ރުހުމުގައި ކަމަށާއި އެ ކުއްޖާގެ އާއިލާއަކީ ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފަތުރާ ބައެއްކަން އެމީހުން ދިރިއުޅޭ ރަށުން ސާފުކޮށް އެނގޭ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.
"އެކުއްޖާގެ އާއިލާގެ ރުހުމުގައި، އެކުއްޖާގެ މައިންބަފައިންގެ ރުހުމުގައި ހިނގައިދިޔަ ކަމެއް. މައުލޫމާތު ލިބޭގޮތުގައި މި ކުއްޖާގެ އާއިލާއަކީ ހަރުކަށި ފިކުރު ޕްރޮމޯޓުކުރާ އާއިލާއެއްކަން މުޖުތަމައުގައި އެމީހުން ދިރިއުޅޭ ރަށުން ސާފުކޮށް އެނގޭ. މި ކުއްޖާގެ ބައްޕައަކީ ހިމަންދޫ މައްސަލައިގައި ޖަލުގައި ބަންދުކުރެވިފައިވާ މީހެއްކަން އެނގޭ. މިހާރުގެ ސްޓޭޓަސްއެއް ނޭނގޭ. އެހެންނަމަވެސް ޖަލަށް ލީ މީހެއް ކަމަށް މައުލޫމާތު ލިބިފައިވޭ. ބައެއް ސޯސްތަކުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ މިއީ ޝަރުއީ ނިޒާމުން ބޭރުން، ކައިވެނީގެ ނަމުގައި މީހަކު އެކުއްޖާއާ ގުޅުމެއް އުފައްދާ ފުރަތަމަ ފަހަރު ނޫން ކަމަށް ވެސް،" އޭނާ ވިދާޅުވިއެވެ.
ޖީހާން ވިދާޅުވީ އެ މައްސަލައިގެ މައުލޫމާތު އެންމެ ފުރަތަމަ ސަރުކާރަށް ލިބިފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި ކަމަށާއި އެކަމާ ގުޅިގެން އެއް ފަހަރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެކުއްޖާ ގެނެސްފައިވާ ކަމަށެވެ. އެ ކުއްޖާގެ އިތުރުން އެ އާއިލާގެ އެހެން ކުދިން ތިބިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މިކަމާ ގުޅިގެން އެއް ފަހަރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވި، އެކަމަކު ފަހުން އަނެއްކާވެސް އޭނާގެ އާއިލާއަށް ދޫކޮށްލާފައިވާ ކަމާއި މިހާރުވެސް އެކުއްޖާ ހުރީ އާއިލާ ކައިރީގައިކަން އެނގޭ. އެ އާއިލާގައި އެހެން ކުދިން ވެސް ތިބޭ. މިކަމަކީ ވެސް އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް، އެހެން ކުދިންގެ ހާލަތު. މި ކުއްޖާއަށް ރައްކާތެރި ގޮތެއް އަދި އެހެން ކުދިންނަށް ވެސް ރައްކާތެރި ގޮތެއް، ހަރުކަށި ވިސްނުމުގެ ތެރެއިން، އަމިއްލަ ދައުލަތެއްގެ ތެރެއިން ނިޒާމުތައް ހަމަޖައްސައިގެން ކުޑަކުދިންނަށް ކުރަމުން މިގެންދާ ގޯނާ، ކުޑަކުދިންނަށް ހުށަހަޅުމުންދާ ނުރައްކަލުން އަޅުގަނޑުމެން އެބަޖެހޭ ކުޑަކުދިންނާއި އަންހެނުން ސަލާމަތްކުރަން،" އޭނާ ވިދާޅުވިއެވެ.
ޖީހާން ވިދާޅުވީ އައިއެސްގެ ލޯގޯ ޖަހައިގެން ތައްޔާރުކޮށްފައިވާ ކައިވެނީގެ ސެޓްފިކެޓް ކަމަށް ބުނާ ސެޓްފިކެޓްތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށާއި އެ ލިޔެކިޔުންތަކަކީ މީގެ ކުރިން ސަރުކާރަށް ހުށަހެޅިފައިވާ ލިޔުންތަކެއް ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށެވެ. އަދި 13 އަހަރު ކުއްޖާއާ ކައިވެނީގެ ނަމުގައި ގުޅުން ހިންގި މީހާއަކީ ޖަލުގެ ތެރެއިން ހަރުކަށި ފިކުރަށް ތަމްރީނުވެގެންދިޔަ މީހެއް ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.